މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުމުގައި، މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލުން ގުޅިގެން މަތީ ތަޢުލީމު ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅިގެން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން، އައްޑޫގައި ޤާޢިމްކުރެވިފައިވާ ޕޮލިޓެކްނިކް ކެމްޕަސްގައި ކުރިޔަށްގެންދެވިދާނެ ޕްރޮގްރާމްތަކުގެ އިތުރުން އައްޑޫގެ ނޭޝަނަލް ކެރިޔަ ސަރވިސް (އެންސީއެސް) ގައި ކެރިޔާ ސަރވިސް ފޯރުކޮއްދިނުމާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ މާރިޔާ އައްޑޫ ކައުންސިލާއި ބައްދަލުކުރައްވާފައިވަނީ ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވުމަށް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

