ދުންފަތުގެ ދުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް އެކުލަވާލާ ޤަވާާޢިދުގައި މިހާރު ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ތަންތަން އިތުރު ވެގެންދާނެއެވެ. ހަމަ މިއާއި އެކު ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ތަންތަންވެސް ކަނޑައެޅިގެންދާނެއެވެ.
މި ޤަވާާޢިދުގެ ޑްރަފްޓް މިހާރު ނިމިފައިވާއިރު ގަވާޢިދު އާއްމުކުރާ ހިސާބުން ޤާނޫނު ތަންފީޒުކުރާ އިދާރާތަަކަށް ވެސް، މި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ފަސޭހަވެގެންދާނެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނަށް ގެނެވުނު އިސްލާހާގުޅިގެން އަތޮޅުތަކުގައި އާންމުން ހޭލެންތެރިކުރުމަށް، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، އަދި ޖަމިއްޔާތަކާ ގުޅިގެން މިނިސްޓްރީން ދަނީ މަސައްކަތްކުރަމުނެވެ. އަދި ސަރުކާރުގެ މުޢައްސަސާތަކުގެ ކަމާގުޅޭ ފަރާތްތައް އަހުލުވެރި ކުރުމާއި އެފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ހެލްތު މިނިސްޓްރީ އާއި ޓީވީމޯލްޑިވްސް ގުޅިގެން ގެނެސްދޭ “ދަފަރާ” ޕެނަލް ޑިސްކަޝަންގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު އިސްމާއިލް ޒާހިރު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ހެލްތު ގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސާރވިސް، އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ފަރާތުންވެސް މި ޕެނަލްގައި ބައިވެރިވަޑައިގެންނެވިއެވެ.
ޕެނަލްގައި ބައިވެރި ވަޑައިގެންނެވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނިޒާމް މުޙައްމަދު ވަނީ މަގުމަތީގައާއި އާންމު ތަންތަނުގައި ވޭޕް ބޭނުން ކުރާނަމަ އެކަަން ފުލުހުންނަށް ރިޕޯޓްކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުން އެތަނަކަށް ގޮސް ފިޔަވަޅު އަޅަމުންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަމަށާއި ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން މެސެޖެއް މެދުވެރިކޮށް ފޮނުވޭނެކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތު އިން ވަނީ ކުއިޓްލައިނެއް ޤާއިމްކޮށްފައެވެ. ދުންފަތަށް ދެވި ހިފާފައިވާ ފަރާތްތަކުން ދުންފަތާ ދުރުހެލިވުމަށް 1676 އަށް ގުޅައިގެން އެހީތެރިކަން ލިބިގެންދާނެއެވެ.

