މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ފުލުހުންނާ ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ހިނގި މި ނުރައްކާތެރި ހާދިސާގެ ތަހުގީގަށް އެހީތެރިވެދާނެ އެއްވެސް މަޢުލޫމާތެއް އޮތްނަމަ، މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓުގެ 9911099 ނަންބަރާ ގުޅުމަށް ފުލުހުން އެދިފައިވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް ގުޅިގެން މި ހާދިސާ ހިނގި ގޮތް ދެނެގަތުމަށް މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މި ތަހުގީގަށް ބޭރުގެ ހާއްސަ ޓީމެއްގެ އެހީތެރިކަން ހޯދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެފައިވެއެވެ.
ކޮމިޝަނަރ ޝުޖާއު ވިދާޅުވި ގޮތުގައި، ބޭރުގެ ތަހުގީގީ ޓީމާއެކު ކުރެވޭ މަސައްކަތުން ހާދިސާ ހިނގާދިޔަ ގޮތް ދެނެގަނެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ވެސް މި ތަހުގީގު މުހިންމު ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
މި ވަގުތު ފުލުހުންގެ ފޮރެންސިކް ޓީމްތަކުން ދަނީ ހާދިސާ ހިނގި ސަރަހައްދުގައި މުހިންމު ސާމްޕަލްތައް ނަގަމުންނެވެ. އަދި އެ ސަރަހައްދުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖްތައް ތަހުލީލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން، ހާދިސާ އެންމެ ފުރަތަމަ ދުށް މީހުންގެ ބަޔާންތައް ނެގުމާއި، ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ ލިބުނު ކަމަށް ބެލެވޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

