އެއްވެސް އިންސާނަކަށް ބަދަލު ނުކުރެވޭނެ ވަރަށް ބޮޑު ހަޤީޤަތެެއް ވެއެވެ. އެއީ މަރެވެ. ކޮންމެ އިންސާނަކަށްވެސް އަންނާނެ ދުަވަހެކެވެ. ތިބާ ކިތަންމެ ބާރަށް ދުވިއަކަސް މަރު ތިބާ އަތުލާނެއެވެ. އެހެނީި މިކަމުން ރެކިގަނެވޭނެ ހަމަ އެކަކުވެސް ނުވެއެވެ.
އެދުވަހަކުން ތިބާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. މި ދުނިޔެއިން އެ ދުނިޔެއަށް ގެންދެވޭނެ ހަމަ އެކައްޗެއްވެސް ނެތެވެ. ތިބާގެ ޢަމަލުތައް ފިޔަވައެވެ.
އަމަލުތަކުގެ ތެރެއިންވެސް ތިބާއަށް އާޙިރަތުގައި ފައިދާ ކުރާނީ ތިބާ ކޮށްފައިވާ ހެޔޮ ޢަމަލުތަކެވެ. އަދިވެސް ވިސްނަންވީ ހެއްޔެވެ؟މުސްކުޅި އުމުރަށް އެޅުނީމަ އަޅުކަންތައް ކުރަން ގަސްތު ކުރަނީ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ އެއީ ތިބާގެ އަމިއްލަ އަތުން ތިބާގެ ދުނިޔަވީ އަދި އުޙްރަވީ ހަޔާތް ބަރުބާދު ކޮށްލުމެވެ. ފަހެ މަރު އައިސް ބައްދަލުކުރާނެ ވަގުތެއް އެކަކަށް ވެސް އެނގޭނެ ހެއްޔެވެ؟ހެޔޮ ޢަމަލުތައް ކުރަން ފަހަށް ދޫކޮށްނުލާށެވެ. އެހެން ހިތު ލައިގެން ހުއްޓާ މަރު އައިސް ބައްދަލު ކޮށްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
މާތް ﷲ ސުބްޙަނަހު ތަޢާލާ ކީރިތި ޤުރުއާންގައި ވަޙީކުރެއްވިއެވެ.
(قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ) [الجمعة:8]
"ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން އެއެއްޗަކަށް ބިރުން ފިލަން ތިޔަ ދުވާ މަރު އައިސް ތިޔަބައިމީހުންނާއި ބައްދަލުކުރާނޭކަން ކަށަވަރެވެ. އެއަށްފަހު ޣައިބާއި ފާޅު ދެނެވޮޑިގެންވާ ފަރާތްކަމުގައިވާ ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ރައްދުކޮށް ޙަވާލު ކުރެވޭނެއެވެ. ފަހެ ދުނިޔެމަތީގައި ތިޔަބައިމީހުން ކޮށްއުޅުނު ކަންތައްތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެއިލާހު ދެއްވާނެއެވެ."
މަރާއި ކުރިމަތި ނުލާ އެއްވެސް ޤައުމެއްގެ ބަޔަކު އުޅުނު ހެއްޔެވެ؟ނުވަތަ އެބައުޅޭ ހެއްޔެވެ.؟ދުނިޔަވީ ހަޔާތުގައި ފައިސާ އާއި މުދަލުން ފެންވެރި މީހުން ކޮބައި ހެއްޔެވެ؟އެކި ޤައުމުތަކުގައި ރަސްކަން ކުރެއްވި ރަސްރަސްްކަލުން ކޮބައި ހެއްޔެވެ.؟ތިމަންނާ މީ ރަސްކަލަކު ކަމުގައި ދަޢުވާ ކުރި ފިރުޢައުނު ކޮބައި ހެއްޔެވެ؟އަދި އޭނާގެ އަރިހުގައި ހުންނެވި ހާމާނު ކޮބައި ހެއްޔެވެ؟ފިތުނައިން ފުރިފައިވި ޘަމޫދު ބައިގައިގެ މީހުން ކޮބައި ހެެއްޔެވެ؟ވިސްނާ ފިކުރު ކުރައްވާށެވެ. މަރަކީ ވަރަށް އިންސާފުވެރި އެއްޗެކެވެ. މުއްސަނދީންނާއި ފަޤީރުން ފަރަޤެއް ނުކުރެވެ. ވަކިޖިންސަކަށް ވަކި ޢުމުރަކަށް ތަފާތު ކުރުމެއްނެތެވެ. ވަކިޤައުމަކަށް ވަކިކުލަޔަކަށް ނުބަލާ މަރުގެ ކުރިމަތީގައި އެންމެން ހަމަހަމައެވެ.

މައްޔިތެއް ވަޅުލާ މަންޒަރު: ފޮޓޯ/ސޯޝަލް މީޑިއާ
ކޮންމެއަކަސް މަރު އައިސް ތިބާ އާ ބައްދަލުކުރާނެ ވަގުތެއް ނޭނގޭނެއެވެ.ކުރިއަށް އޮތް ބައި ގަޑި އިރު ތެރޭ ތިބާ ދިރި ހުންނާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އެބަ އޮތް ހެއްޔެވެ؟ނިކަން ވިސްނާލަ ބަލާށެވެ.ކަށު ނަމާދުގެ މައުލޫމާތު ދޭ ކޮންމެ ޕޯސްޓެއްގައިވެސް ލިޔެފައި އިންނަ ތަން ފެނެއެވެ."ޖަނާޒާގައި ބައިވެރިވުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާ ކޮށްދޭން ޖެހޭ ހައްޤެކެވެ".މި ހައްޤު އަދާކުރުމުގެ ކުރިން ތިބާގެ މައްޗަށް ފަރްޟް ކުރައްވާފައިވާ ކަންތައްތައް އެބަ ކުރަމު ހެއްޔެވެ؟މިސްކިތައް ގޮސް ކަށުނަމާދުގެ ޖަމާއަތުގައި ބައިވެރި ވެފައި މިސްކިތުން ނުކުންނަން ދިމާކުރާއިރު އެ ވަގުތު މިސްކިތުން ނުކުމެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އެބަ އޮތް ހެެއްޔެވެ؟ކަށުނަމާދު ކުރެވުނު މައްޔިތާ އާއެކު ދަތުރު ކުރަންވެސް ޖެހިދާނެއެވެ.ބުނަން ހެއްޔެވެ؟އުމުރުން ކިތަންމެ ހަގު ވިއަސް އެއްވެސް ސިއްޙީ މައްސަލައެއް ނެތް ނަމަވެސް މަރަކީ މި އުޒުރުތައް ބަލައިގަންނަ އެއްޗެއް ނޫނެވެ. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އިރާދަ ކުރައްވައިފިނަމަ އޭގެ ފަހަށް އެންމެ ނޭވައެއް ވެސް ނުލެވޭނެހުއްޓެވެ.
ތިބާގެ ޒުވާން ކަމުގެ ދުވަސްތައް ތި ދުއްވާލަަނީ ހަވާނަފުސުގެ ތެރެއަށެވެ. ޝައިޡާނާގެ ބަހަށް ހެއްލިގަނެގެން އުޅޭއިރު އެއީ ކިހާވަރެއްގެ އެއްޗެއްކަން ނުދަންނަނީ ހެެއްޔެވެ؟ މާތް ﷲ ޙަރާމް ކުރެއްވި ރަލާއި ބަނގުރާ ބޯން އޮތްވާ މަރު އައިސްދާނެ ކަމަށް ބިރު ނުގަނޭ ހެއްޔެވެ؟ޒިނޭގެ ތަންމައްޗަށް އެންމެ ފަހު ނޭވާ ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު ނުގަންނަނީ ހެއްޔެވެ؟ވައަތު ފަތް ފުރި ބަންޑުންވެ އެ ޢަމަލުތަކަށް ތައުބާ ނުވެވި އުޅެނިކޮށް މަލަކުލްމައުތު މަރު ހިއްޕަވަން ވަޑައިގެންފާނެކަމަށް ބިރު ނުގަންނަނީ ހެއްޔެވެ؟
ލޮބިވެތި އަޚުންނާއި އުޚްތުންނޭވެ. މަރާއި އޭގެބިރުވެރިކަމާއި ދޭތެރޭގައި ވިސްނާށެވެ. އޭގެ ވޭނާއި ކެކުޅުމާއި ދޭތެރޭ ފިކުރު ކުރާށެވެ.ކައްވަޅުގެ އަޒާބަށް ބިރުވެތި ވާށެެވެ.މާދަމާ ވެސް ދިރިހުންނާނެ ކަމުގެ އުންމީދެއް ނެތްއިރު، ހެޔޮ ޢަމަލު ކުރަން ފަސް ނުކުރާށެވެ.ކަށްވަޅުގެ ޢަޒާބަށާއި ނަރަކައިގެ ޢަޒާބުގެ ހުރަހަށް އޮތް އައްޑަނައަކަށް ތިބާގެ ހެޔޮ ޢަމަލުތައް ވެދޭނެއެވެ.މަރު ހިއްޕަވަން ފެށެނީ ފައިންނެވެ.އެއީ އެ ވޭނުން ތިބާ ތެދުވެގެން ދިޔަ ނުދިނުމަށްޓަކައެވެ.އަދި ނިމެނީ ލޮލުންނެވެ.އެއީ އެކަމުގެ ތެރޭގައި ހިނގާ ހުރިހާ ކަމެއް ތިބާއަށް ދެއްކެވުމަށްޓަކައެވެ.ލޮބުވެތި ޒުވާނުންނޭވެ! ތިބާ ޒުވާން ކަންމަތީ ހުރެ ރަނގަޅު ސިއްހަތެއްގައި ހުރުމަކީ އަވަހަށް މަރުނުވާނޭ ސަބަބެއް ނޫނެވެ.މަރު ތިބާއާއި ބައްދަލުކުރާކަށް ވަކި އުމުރެއް ނެތެވެ.
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"أوَّلُ مَا يُحاسَبُ بِهِ العَبْدُ يَوْمَ القِيامَةِ الصلاة، فَإِنْ صَلحَتْ صَلحَ سَائِر عَمَله، وَإِنْ فَسَدَتْ فَسَدَ سَائِرُ عَمَله" (أخرجه الطبراني)
"ޤިޔާމަތް ދުވަހު އެކަމަކުން އަޅާގެ ޙިސާބުބެއްލެވޭނެ އެންމެ ފުރަތަމަ ޢަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ރަގަޅުވާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ފާސިދުވާހުއްޓެވެ."
އޭ ޖަމާޢަތުގައި ނަމާދުކުރުމަށް ރައްކާތެރި ނުވާމީހާއެވެ! ޚާއްޞަކޮށް ފަތިސް ނަމާދުކުރުމަށް ފަރުވާކުޑަކުރާ މީހާއެވެ! ތިބާ ހިނގާނެ މަގެއް ކަމުގައި ޝައިޠާނާގެ މަގު ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ ތިބާގެ ކަންފަތަށް، ޝައިޠާނާ ކުޑަކަމުދިޔުމަށް ރުހެނީ ކީއްވެގެން ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.
"ذَاكَ رَجُلٌ بالَ الشَّيْطانُ في أُذُنَيْهِ" (متفق عليه)
"އެއީ ޝައިޠާނާ އެމީހެއްގެ ކަންފަތަށް ކުޑަގިފިލި ކޮއްފައިވާ މީހެކެވެ."
އޭ އަޚާއެވެ! އަމިއްލަ ނަފްސާމެދު ވިސްނާލަބަލާށެވެ! އެންމެ ފަހުން ޖަމާޢަތުގައި ފަތިސްނަމާދު ކުރީ ކޮންދުވަހަކު ކަން ހަނދާން އެބަހުރިތޯއެވެ؟ ފަތިސްނަމާދު ޖަމާޢަތުގައި ނުކޮށް، މިމަތިވެރި އަޅުކަމުން މަޙްރޫމްވެގެން އަޅުގަނޑުމެން ދާން ބޭނުންމިވާ މަންޒިލާ ހަމައަށް ވާޞިލްވެވޭނެ ހެއްޔެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ. އޭރުން ކުރެވިފައި ހުރި ފާފަތައް ފުހެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަ އަޚާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާނުލާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަދަދަށް އެދި އަބަދުވެސް ދަންނަވާށެވެ. ފަތިސް ނަމާދަށް ހޭނުލެވުމުގެ އެންމެބޮޑު ސަބަބުކަމުގައިވާ، ރޭގަނޑު ލަސްވަންދެން ހޭލާހުރުމުން ދުރުހެލިވާށެވެ.
ތިބާގެ ޒުވާންކަން ގެއްލި މުސްކުޅިވެ ހެލިފެލިވެ ނޫޅެވޭ ވަރުވުމުގެ ކުރިން، ހުރިހާ އަޅުކަމެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް އަވަސްވެ ގަންނާށެވެ. އޭރުން އިންޝާ ﷲ…މާތް ﷲ ތިބާ އަށް ސުވަރުގެ މިންވަރު ކޮށްދެއްވާނެތެވެ.
…………………………………..
الرَّحْمَن (ރަޙުމަތާއި ނިޢުމަތުން އަޅުތަކުންނަށް އޯގާވަންތަ ރަސްކަލާނގެ) ވަންތަ، الرَّحِيم ِ(ޚާއްޞަ ގޮތެއްގައި ދުނިޔެއާއި އާޚިރަތުގައި މުއުމިން އަޅުތަކުންނަށް ރަޙުމަތްވަންތަ ރަސްކަލާނގެ) ވަންތަ، الْجَبَّارُ (އިރާދަކުރެއްވި ކޮންމެ ކަމެއް ކުރައްވާ އަދި އެކަލާނގެ މައްޗަށް އެހެން ފަރާތެއްގެ ބާރު ނުފޯރާ ރަސްކަލާނގެ) ވަންތަ الْعَزِيزُ (ޢިއްޒަތާއި މާތްކަން ލިބިވޮޑިގެންވާ ރަސްކަލާނގެ) ވަންތަ ރަސްކަލާނކޮ.ނެތުމުގެތެރެއިން އަޅަމެންވުޖޫދުކުރަށްވާ، އެއްމެރިވެތިސިފައިގައި ލަށްވަވާ، ގުނާއަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތް އަޅަމެނަށް ދެއްވަވާ ރަސްކަލާކޮ!
ސީދާ ވެގެންވާ މަގަށް އަޅަމެންނަށް މަގުދަށްކަވާ އަދިއެމަގުގައި އަޅަމެންގެ ފައިތިލަ ސާބިތު ކޮށްދެއްވާންދޭވެ!
ޔާﷲ.އަޅަމެންނަކީ ފާފަތަކުން ތަޢުބާވެ އެނބުރި އެފާފަތަކަށް އަރައިނުގަންނަ ބަޔަކު ކަމުގައި ލައްވާނދޭވެ.ޔާﷲ.މަރުގެ ސަކަރާތް އަޅަމެންގެ މައްޗަށް ލުއި ކޮށްދެއްވާނދޭވެ.ކަށްވަޅަކީ އަޅަމެންނަށް އަލި ތަނެއް ކަމުގައި ލައްވާނދޭވެ.
امين ياربالعالمين

