ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސާރް ނަމްގްޔެލް ވަންގޗުކް އާއި ބޮޑުވަޒީރު ޝެރިންގ ތޮބްގޭއަށް ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސް ފޮނުއްވި ސިޓީފުޅުތަކުގައި ވަނީ، އެ މުހިންމު މުނާސަބަތުގައި، ދިވެހި ރައްތިތުންނާއި ސަރުކާރުގެ ނަމުގައި ރަސްގެފާނާއި ބޮޑުވަޒީރާއި ބޫޓާންގެ ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަރިސްކުރައްވާފައެވެ.
މީގެ އިތުރުން ރައީސްވަނީ، ރަސްގެފާނާއި ބޮޑުވަޒީރު ފުރިހަމަ ސިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، ބޫޓާނުގެ ރައްޔިތުންނަށް ތަރައްޤީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
ބޫޓާންގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. ދިވެހިރާއްޖެއާއި ބޫޓާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 13 ޖުލައި 1984 ގައެވެ.

