މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މުސުމާބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މެޓް އޮފީހަށް ހަވާލާދީ ބުނެފައިވަނީ މި ދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.
އަދި މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް ހަތަރު ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށާއި އެގޮތުން ބުރާސްފަތި، ހުކުރު، ހޮނިހިރު، އާދިއްތަ ދުވަހު ވަރަށް ބޮޑަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ މެޓުން ބުނެފައިވެއެވެ.
އަދި މި ދުވަސްވަރު ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި ދެކުނާއި މެދުރާއްޖެތެރޭގެ އިތުރުން، އުތުރުގެ ރަށްތަކަށްވެސް މޫސުން ކޮންމެވެސް ވަރަކަށް ގޯސްވާނެކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މެޓުން ބުނިގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގެ ހޯމަދުވަހުން ފެށިގެންނެވެ. އެހެންވެ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
އިއްޔެ ވެހުނު ބޯ ވިއްސާރައިގައި ނ.ހެނބަދޫ ވަނީ ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން އެރަށުގެ 75 ގެއަކަށް ފެން ވަދެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ރަށުގެ ބައެއް ސަރަހައްދުތަކުގައި 2 ފޫޓަށް ވުރެ ބޮޑަށް ފެން ބޮޑުވެފައިވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ހެނބަދޫ ކައުންސިލާއި އެމް.އެން.ޑީ.އެފް އާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާއެކު ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

