ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޚިދުމަތް ދެމުންދާ ރަށްރަށުގެ ގޭބިސީތަކުގެ ކުނި ބިލު، އަންނަ މަހުން ފެށިގެން ކަރަންޓު ބިލާއެކު ފޮނުވުމަށް ނިންމައިފިއެވެ. މި ބަދަލާއެކު ކުނި ބިލުގެ އަގު ކަރަންޓު ބިލުގައި ހިމަނައިގެން ނަގަން ފަށާނެއެވެ.
ވެމްކޯގެ އެސިސްޓެންޓް މެނޭޖަރ، ސޭލްސް އެންޑް ޕްރޮޖެކްޓް މުޙައްމަދު އަކްރަމް ވިދާޅުވި ގޮތުގައި މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ބިލް ދައްކާ ފަރާތްތަކަށް ފަސޭހަކޮށްދިނުމެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި އައު އުސޫލުގެ ދަށުން ކުނި ބިލު ކަރަންޓު ބިލުގައި ހިމަނާނީ މީޓަރަށް 34 ޔުނިޓް އަރާ ގޭބިސީތަކަށެވެ.
ވެމްކޯގެ ޖެނެރަލް މެނޭޖަރ، ސަދަން އޮޕަރޭޝަންސް އަޙްމަދު ޝާފިޢު ވިދާޅުވި ގޮތުގައި މި ނިންމުން ނިންމާފައިވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހުގައެވެ. އަދި އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އަންނަ މަހުން ފެށިގެން ވެމްކޯގެ ޚިދުމަތް ދޭ ހުރިހާ ރަށެއްގައިވެސް ކޮންމެ ދުވަހަކު ކުނި ނަގާނެއެވެ.
މި އައު އުސޫލުގެ ދަށުން ކޮންމެ ގޭބިސީއަކުން 150 ރުފިޔާ ނެގޭނެއެވެ. އަދި ވިޔަފާރިތަކުން ކޮންމެ ދުވަހަކަށް ލިޓަރަކަށް 20 ލާރި ނެގޭނެއެވެ. މީގެ އިތުރުން ގޭޓް ފީގެ ގޮތުގައި ޓަނަކަށް 212 ރުފިޔާ ނެގުމަށް ވަނީ ކަނޑައަޅާފައެވެ.
ވެމްކޯއިން މިހާރު ޚިދުމަތް ދެމުން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ސިޓީތަކާއި، ލ. ފޮނަދޫ އަދި ކ. މާފުށީގައެވެ. އަދި ދާދި ފަހުން ކ. ހިންމަފުށީގައިވެސް ވެމްކޯގެ ޚިދުމަތް ވަނީ ފަށާފައެވެ. މި ބަދަލު ގެނައުމާއެކު، މިހާތަނަށް އެއްވެސް އަގެއް ނުނަގައި ދެމުން އައި ޚިދުމަތަށް އަންނަ މަހުން ފެށިގެން އަގު ނަގަން ފަށާނެއެވެ.
ކުނި ބިލު ކަރަންޓު ބިލާ އެއްކޮށްލައިގެން ފޮނުވަން ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރު މާލެ ސަރަހައްދުގައެވެ.

