ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައި ގްރޫމް ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ 29 އަހަރުގެ ފިރިހެން ޓީޗަރަކު ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހިމެނޭ ޓީޗަރު ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ. ނަމަވެސް ކޯޓުން އޭނާއަށް ކަނޑައެޅި ޝަރުތުތަކަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުރަތަމަ ފުލުހުންނަށް ރިޕޯޓު ކުރެވުނީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ މ، ފ، ދ، ތ، އަދި ލ. އަތޮޅު ހިމެނޭ ޒޯނުގެ ރަށެއްގެ ސްކޫލެއްގައި މަސައްކަތް ކުރާ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައި ގްރޫމް ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
ފުލުހުންގެ ބަޔާނުގައި ވާގޮތުން، މި މައްސަލައާ ގުޅިގެން އޮކްޓޯބަރު 27 ގައި ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރެވުނެވެ. އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ 20 ދުވަސް ދިންއިރު، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް އިތުރު 30 ދުވަސް ދީފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ ޓީޗަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފައި ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.

