މާލެ ސިޓީ ކައުންސިލުގެ މަސައްކަތް ވަގުތީ ގޮތުން ތާޖުއްދީން ސްކޫލު ހޯލަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް އެ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މި މަހުގެ 12 ވަނަ ދުވަހު އަމީނީ މަގުގައި ހުންނަ ހައުސިން މިނިސްޓްރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި ހިންގަމުން އައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރެވުނެވެ. މި ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތަކަށްވެސް ބަދަލުތަކެއް ވަނީ އައިސްފައެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، މިވަގުތު ތަނުގެ ޖާގައިގެ ދަތިކަމާ ހެދި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފެށުމަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ. އެހެންކަމުން، ގަލޮޅު މަދަރުސާއިން ވަގުތީ ގޮތުން ތާޖުއްދީން ސްކޫލަށް މިއަދު ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް ސަރުކާރުން ވަރބަލީ (އަނގަބަހުން) ވާހަކަދައްކައިގެން ތާޖުއްދީން ސްކޫލު ހޯލު ހަމަޖައްސައިދެއްވާނެ. އެއީ މާދަމާ އެގްޒާމްތައް ނިމުނީމަ. އޭރުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފަސޭހަވެދާނެ ޑޮކިއުމަންޓްސްތައް ޝޯޓުއައުޓް ކުރަން،" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، ހުރިހާ ހިދުމަތްތައް ފުރިހަމައަށް ދެވޭނެ ވަކި ދުވަހެއް މިވަގުތު ކަނޑައެޅިފައި ނެތް ކަމަށެވެ. މިހާރު އެންމެ އިސްކަމެއް ދެނީ ޑޮކިއުމަންޓްތައް ތަރުތީބުކުރުމަށާއި، މުވައްޒަފުންނަށް އެ ޑޮކިއުމަންޓްތަކަށް އެކްސެސް ލިބުމުން މެނުވީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ނުދެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސިޓީ ކައުންސިލަށް ތަނެއް ހަމަޖައްސައިދިނުމަށް އެދި ސަރުކާރުގެ ގިނަ މުއައްސަސާތަކަށް ރަސްމީކޮށް ސިޓީ ފޮނުވާފައިވާ ކަމަށްވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ދުވަހު، ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކުގެ ތެރެއިން މާލެ ސަރަހައްދަށް އުފަންވާ އަދި މަރު ފޯމް ހުށަހެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ހުޅުމާލޭ އަމީން އެވެނިއު މެޕަލް ޓަވަރުގެ ފުރަތަމަ ބުރީގައި ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.

