ދުންފަތް ކޮންޓްރޯލްކުރުމުގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެކަމަށް ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަސްތުވާތަކެތީގެ ބާވަތްތަކުން ރައްކާތެރިވުމާއި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާ ބެހޭގޮތުން ކުރިއަށް ގެންދާ ރައުންޑް ޓޭބަލް ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ދިވެހި މުޖުތަމަޢަކީ ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ތަނަކަށް ހެދުމަށް، މީގެ ކުރިން ވެރިންނަށް ކެރިވަޑައިނުގަތް ގިނަ ފިޔަވަޅުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެންގެވުމަށް ރާއްޖޭގައި ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރުން ހުއްޓުވައި، ދިވެހިންނަކީ ދުންފަތުގެ ބާވަތްތަކުން ސަލާމަތްވެފައިވާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ދުންފަތާމެދު މީހުން ހޭލުންތެރިކުރުމާއި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ތަންފީޒު ރުމާއި ދެވިހިފައިފާވާ މީހުންނަށް ދޭން ބޭނުންވާ އެހެނިހެން އެހީތެރިކަން ދިނުމުން ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރެވޭނެ މިކަން ކުރުމަށް ކޮންމެ ދިވެއްސެއްގެވެސް އެއްބާރުލުން ބޭނުންވޭ. ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ މީހަކަށްވުމަކީ އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދޭ އެދުން.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ދުންފަތާމެދު މީހުން ހޭލުންތެރިކުރުމާއި ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނު ތަންފީޒްކުރުމާއި ދެވިހިފައިފާވާ މީހުންނަށް އެހީތެރިކަން ދިނުމުން ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރެވޭނެ ކަމަށެވެ. އަދި މިކަން ކުރުމަށް ކޮންމެ ދިވެއްސެއްގެވެސް އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމަށް މުޅި ރާއްޖޭގައި ސިޒޭޝަން ކްލިނިކްތަކެއް އެޅުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި، މި ކްލިނިކްތަކަށް ބޭނުންވާ މީހުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ބާވަތްތަކުން ރައްކާތެރިވުމާއި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙުތަކާ ބެހޭގޮތުން ކުރިއަށްގެންދާ ރައުންޑް ޓޭބަލް ބައްދަލުވުމަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރެންސް އެމަޖެންސީ ފަންޑް، ޔުނިސެފްއާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މިފަދަ ރައުންޑް ޓޭބަލް ބައްދަލުވުންތައް ޔުނިސެފްއިން އަންނަނީ މިދިޔަ އަހަރުން ފެށިގެން އެކި މަޢުޟޫތަކަށް ޚާއްސަކޮށްގެން ބާއްވަމުންނެވެ.
މިއަހަރު ބާއްވާ 4 ވަނަ ރައުންޑް ޓޭބަލް ބައްދަލުވުމުގައި ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭނެ ކަންކަމާއި ދުންފަތުގެ ޢަމަލުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވޭނެއެވެ.

