30 ނޮވެމްބަރ 2024 ވަނަ ދުވަހު ހަސަން ޝަހުމް ނަމަކަށް ކިޔާ މީހެއްގެ ބީއެމްއެލް އެކައުންޓަށް އޮޅުމަކުން 29،000 ރުފިޔާ ޖަމާކުރެވިފައިވެއެވެ. މި ރުފިޔާ ފޮނުވާފައިވަނީ އިސްލާމިކް ބޭންކްގެ މަމްދޫހް އަރީފްގެ ނަމުގަ އިން އެކައުުންޓަކުންނެވެ.
މި މައްސަލައާ ގުޅިގެން ފައިސާ ލިބުނު ފަރާތް ވަނިީ އެތައް ފަހަރެއްގެ މަތިން ބެންކަށް ގުޅައިގެން އަދި މެއިލް ކޮށްގެން ވެސް މައްސަލަ ހުށަހަޅާފައެވެ.
މީގެ އިތުރުން އަމިއްލައަށް ބެންކަށް ގޮސްގެން ވެސް މައްސަަލަ ހުށަހަޅާފައިވާ ކަމަށް ފޭސްބުކް ގައި އޭނާ ހިއްސާ ކޮށްފައިވެއެވެ.
މައްސަލައާ ގުޅިގެން ހަސަން ޝަހުމް ވަނީ ފައިސާގެ ވެރިފަރާތް ހޯދަ ދިނުމަށް އާންމުންގެ އެހީ އަކަށް އެދިފައެވެ.
އަދި ވެރިފަރާތުގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ އޭނާގެ ނަމްބަރަށް ގުޅުމަށް ވެސް ބުނެފައިވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ޕޯސްޓްގައި ފައިސާ ފޮނުވި ސްލިޕް އަދި ފޮނުވި ފަރާތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ހަސަން ޝަހުމް ސޯޝަލް މީޑިއާގައި މިވާހަކަ ހިއްސާކޮށް އާންމުންގެ އެހީއަކަށް އެދިފައިވާއިރު ފައިސާގެ ވެރިފަރާތް އެނގުމުން އޭނާ ވަނީ ވެރިފަރާތަށް ފައިސާ ރައްދުކޮށްދީފައެވެ.
މަދުން ނަމަވެސް މިފަދަ ކޭސްތައް ފެންމަތިވި ނަމަވެސް ފައިސާ ހަވާލުކުރުމުގައި ގިނަ ދަތިތަކެއް ދިމާވެއެވެ. ބޭންކުން ޢާންމުންގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރާތީ އޭގެ ވެރިފަރާތް ހޯދުމުގައި އުނދަގޫ ތަކެއް ހުރެއެވެ. އެހެންނަމަވެސް އިހްލާސްތެރިކަމާއިއެކު އޮޅިގެން ފައިސާ ޖަމާވެފައިވާކަމަށް އެދުމުން އެ އެކައުންޓެއްގެ ވެރިފަރާތާއި ބޭންކުން ކޮންފަރެންސް ކޯލެއްގެ ގޮތުގައި ގުޅުވައިދެއެވެ.

