ދިވެހިރާއްޖެއާއި ގަތަރުގެ ދެމެދުގައިވާ ގުޅުމަކީ އިސްލާމް ދީނާއި ސަގާފަތާއި ތާރީހުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. މި ވާހަކަ ހާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ މިއަދު ފާހަގަ ކުރެވޭ ގަތަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ބޮޑު ވަޒީރު އަދި ހާރިޖީ ވަޒީރު، ޝެއިހް މުހައްމަދު ބިން އަބްދުއްރަހުމާން ބިން ޖާސިމް އަލް ސާނީއަށް ފޮނުއްވި މެސެޖްގައެވެ.
ޑރ. ހަލީލް އެ މެސެޖުގައި ވިދާޅުވެފައި ވަނީ، “ދިވެހިރާއްޖެއާއި ގަތަރުގެ ގުޅުމަކީ، އިސްލާމް ދީނާއި ސަގާފަތް އަދި ތާރީހީ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަމީ އަޅުގަނޑު ނުހަނު އުފާކުރާ ކަމެއް. އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އަޅުގަނޑުމެންގެ ދެ ގައުމުން ދޭ އަހަންމިއްޔަތު ކަމަކީ ދިވެހިރާއްޖެއާއި ގަތަރުގެ އެކުވެރިކަމަށް އެޅިފައިވާ ހަރުދަނާ ބިންގަލެއް،” ކަމަށެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައާއި އަމިއްލަ ނަމުގައި ގަތަރުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސް ކުރައްވާފައިވެއެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅިގެން މަސައްކަތްކޮށް، މި ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަންވެސް އެ މެސެޖްގައި އަރުވާފައިވެއެވެ.
ގަތަރުގެ ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މި ދުވަހަކީ ގަތަރުގެ ތާރީހުގައި ވަރަށް މުހިންމު ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

