ޑިސެންބަރުމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އިއްޔެ ނެރުނު އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެންބަރުމަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި ރާއްޖެއަށް 103،560 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.9 އިންސައްތަ އިތުރު އަދަދެކެވެ.
މި ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 6،092 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިއީ މަހުގެ ކުރީކޮޅު ދުވާލަކު 5،000 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަ ކޮށްލެވޭ ކުރިއެރުމެކެވެ.
އަހަރުގެ މިހާތަނަށް ޖުމްލަ 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ވުޒާރާއިން ހާމަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ފަތުރުވެރިން އެންމެ ގިނައިން އަންނަ ޤައުމުތަކުގެ ތެރޭގައި ޗައިނާ (259،222)، ރަޝިޔާ (214،271)، އަދި އިނގިރޭސިވިލާތް (170،906) ހިމެނެއެވެ.
ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ 2 މިލިއަން ފަތުރުވެރިންގެ އަމާޒާ ހަމައަށް ވާސިލުވުމަށް މިހާރު ބޭނުންވަނީ އިތުރު 58،805 ފަތުރުވެރިންނެވެ. އަހަރު ނިމުމަށް 14 ދުވަސް ބާކީ އޮތްއިރު، މި އަމާޒު ހާސިލު ކުރެވޭނެކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން އުންމީދުކުރެއެވެ.

