ހިޔާނާތުގެ އެތައް ދައުވާއެއް އުފުލިފައިވާ އަހުމަދު މޫސާ (އައްމަޓީ) އަށް 14 ދުވަހުގެ މުއްދަތަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
އައްމަޓީގެ މައްޗަށް މި ދައުވާތައް އުފުލިފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރެވުނު މަޝްރޫއާ ގުޅިގެންނެވެ. މި މައްސަލައިގައި އައްމަޓީ ވަނީ ފްލެޓްތައް ނާޅައި މީހުންގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައެވެ.
ކްރިމިނަލް ކޯޓުން މިފަދަ ނިންމުމެއް ނިންމާފައިވަނީ އައްމަޓީގެ ފަރާތުން މީހަކު ޖާމިނުވުމާއި، ކޯޓުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަކުރުމަށް ފަހުގައެވެ. އަދި މި ނިންމުމަށް ދައުލަތުން އިއުތިރާޒު ނުކުރާކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.
ކޯޓުން ދީފައިވާ ހުއްދައިގެ ދަށުން، އައްމަޓީއަށް ރާއްޖެއިން ބޭރަށް ފުރުމުގެ އިންތިޒާމް އިމިގްރޭޝަނުން ހަމަޖައްސައިދޭ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ރާއްޖެއިން ބޭރަށް ދެވޭނެއެވެ. ނަމަވެސް، މި މުއްދަތު ހަމަވުމުގެ ކުރިން އޭނާ އަނބުރާ ރާއްޖެ އަންނަންޖެހޭނެކަމަށް ކޯޓުން ބުނެފައިވެއެވެ.
މިއީ އައްމަޓީއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުވެސް އޭނާގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ. ނަމަވެސް، އެ ނިންމުމަކީ ގޯސް ނިންމުމެއްކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ.
މި ނިންމުމާއެކު، ކުރިން ހިފަހައްޓާފައިވާ އައްމަޓީގެ ޕާސްޕޯޓް ވަގުތީގޮތުން ދޫކޮށްލެވޭނެއެވެ.

