ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައުންޑޭޝަން އިފްތިތާހުކޮށްފިއެވެ.
މި ފައުންޑޭޝަން އިފްތިތާހުކޮށްދެެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ އެވެ.
ސްޓެލްކޯއިން މައުލޫމާތު ދޭގޮތުގައި މިއީ ރާއްޖޭގެ ރިސާޗާއި އުފެއްދުންތެރިކަމުގެ ދާއިރާ އާ އުސްމިންތަކަކަށް ގެންގޮސް ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާރޓްސް އަދި މެތެމެޓިކްސް ހިމެނޭ ސްޓެމްގެ ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި، އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދުމާއިއެކު، އެއަށް އަހުލުވެރިވެ، ގައުމު ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދައިދިނުމުގެ މަގުސަދުގައި އިފްތިތާހުކުރި ފައުންޑޭޝަނެކެވެ.
މި ފައުންޑޭޝަން މެދުވެރިކޮށް ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދެވޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން “ސްޓެލްކޯ ރިސާޗް ފައުންޑޭޝަން(އެސްއާރުއެފް)ގެ ނަމުގައި އިފްތިތާހުކުރި އެ ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓްވެސް srf.mv ވަނީ އިފްތިތާހުކޮށްފަ އެވެ.
ސްޓެލްކޯ ރިސާރޗް ފައުންޑޭޝަން (އެސްއާރއެފް) އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތު ތައާރަފްކޮށް އަރުވާ ވާހަކަފުޅު ދައްކަވަމުން އެސް.އާރ.އެފްގެ ވައިސް ޗެއަރޕާރސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ މެނޭޖިންގ ޑިރެކްޓަރ ހުސައިންފަހުމީގެ އިސްނެންގެވުމާއި ސީދާ ބެއްލެވުމުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުންފުނީގެ ހަޔާތުގައި އަދި މަސައްކަތުގައި އިތުރު ހަރުފަތަކަށް ދިއުމަށް މަގު ކޮށިގެންދާ އުފާވެރި ދުވަހެއް ކަމަށެވެ. އެގޮތުން ރިސާޗަކީ ސްޓެލްކޯއާއި ވަރަށް ބޮޑަށް ލާމެހިފައިވާ މަސައްކަތެއްކަމަށާއި، ކުންފުނިން ފޯރުވައިދޭ ހިދުމަތްތަކުގެ ގޮތުން އެ ހިދުމަތްތައް އެއް ހަރުފަތަކުން އަނެއް ހަރުފަތަށް ގެންދިއުމުގައި އިޖާދީ ބަދަލުތަކާއި، އަމިއްލަ އިސްނެންގެވުމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ރިސާޗަކީ ވަރަށް މުހިއްމު ކޮންޕޯނެންޓެއް ކަމަށެވެ. އަދި މީގެ ފައިދާ ސްޓެލްކޯއަށާއި، މުޅި ގައުމަށްވެސް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި ރައްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ރިސާޗް ފައުންޑޭޝަނެއް އުފައްދަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އެކި ދާއިރާތަކުން ކިޔަވައިގެންތިބި ތައުލީމީ ޒުވާނުން ކުންފުނީގައި ތިބުމާއި، ކުންފުންޏަކީ ރިސޯސްފުލް ކުންފުންޏަކަށްވެފައި، އެފަދަ މަސައްކަތެއް ކުރާނެ ގާބިލްކަމާއި، ވަސީލަތެއް ސްޓެލްކޯގައި އެބަހުރި ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވީ މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޭޝަނަކަށް ވެގެން ނުވާނެ ކަމަށާއި މި ރިސާޗް ފައުންޑޭޝަން މެދުވެރިކޮށް މި ގައުމަށް އިންތިހާއަށް ފައިދާ ކުރަން ވާނެ ކަމަށެވެ.

