ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތިތައް ހަވާލުކުރުމުގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަޤީންކަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މިރޭ ދެއްވައިފިއެވެ.
އެޗްޑީސީގެޗްޑީސީގެ މައި އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
“ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ދޭނެ ފަރާތްތައް ކަނޑައަޅަނީ އެޗްޑީސީން ނޫން. އެއީ ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދަވާ މަސައްކަތެއް. ހައުސިންގ މިނިސްޓްރީން ގޯތި ދޭން ނިންމާފައިނުވާ ބަޔަކަށް އެޗްޑީސީން ގޯއްޗެއް ދީފައެއް ނުވާނެ،” ފަޒުލް ވިދާޅުވިއެވެ.
މީޑިއާގައި މިހާރު ފެންމަތިވެގެން އުޅޭ ގޯތިތަކުގެ މައްސަލައަކީވެސް އެޗްޑީސީން ފާހަގަކޮށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި މައްސަލައެއްކަމަށް ފަޒުލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެޗްޑީސީއަށް މައްސަލަ ފާހަގަވީ 2 ގޯއްޗެއްގައެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެއްލެވުމަށް ހައުސިންގ މިނިސްޓްރީއަށް ހުށަހެޅުއްވީ އެޗްޑީސީން އިސްނަގައިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގެއް ކުރިއަށްގެންދާއިރު، އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ހުރިހާ މުއައްސަސާތަކަށް ލިބޭނެކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި އެޗްޑީސީން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަޒުލް ފާހަގަކުރެއްވި ގޮތުގައި ގޯތިތައް ހަވާލުކުރުމުގައި އަމިއްލަ މަސްލަހަތު ގެންގުޅުއްވިކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސިޔާސީ މަންފާއަށް ބަޔަކު ފަތުރާ ދޮގު ވާހަކަތަކެއްކަމަށެވެ. އަދި ޖަވާބުދާރީ ނުވެވޭފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލު ހޯދުމަށް ހައުސިންގ މިނިސްޓްރީއާ ގުޅުމުން، އެ މިނިސްޓްރީން ވިދާޅުވީ މައްސަލަ ބަލަމުންދާ ކަމަށާއި، ތަހުގީގު ނިމުމުން އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މަޖިލީހުގެ ހައުސިންގ ކޮމިޓީން މި މައްސަލަ ބަލަން ނިންމާފައިވާކަމަށް އެ ކޮމިޓީގެ މުގައްރިރު ވިދާޅުވެފައިވެއެވެ.
ބިންވެރިޔާ ސްކީމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލެއިން ބިން ދޫކުރުމަށް ސަރުކާރުން ތަޢާރަފުކުރި ސްކީމެކެވެ.

