މުމްބާއީގެ މަޝްހޫރު ގޭޓްވޭ އޮފް އިންޑިއާ އިން އެލިފެންޓާ އައިލެންޑަށް ކުޑަކުދިންނާއި ފަޅުވެރިންނާއެކު 110 މީހުން ހިމެނޭހެން ދަތުރުކުރަމުންދިޔަ ފެރީއެއް، ސްޕީޑްބޯޓެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓްގައި އާންމުންގެ 10 މީހަކާއި ކަނޑުގެ ސިފައިންގެ މީހަކު ހިމެނޭ ގޮތަށް 13 މީހަކު ވަނީ މަރުވެފައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 6:30 އެހާކަންހާއިރު “ނީލްކަމަލް” ނަމަކަށް ކިޔާ ފެރީގައި ސްޕީޑް ބޯޓެއް ޖެހިގެންނެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ކެމެރާއަކުން އެ މަންޒަރު ރައްކާކޮށްފައިވާއިރު އެ ވީޑިއޯ މިހާރު ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި 4-6 ފަސިންޖަރުންނާއެކު ކުޑަ ސްޕީޑް ބޯޓެއް ފެނުގައި ދުއްވާފައި ދިޔައެވެ. އެއަށްފަހު ޔޫޓާން ނަގައިގެން ފެރީކައިރިއަށް އައިސް ބާރުބާރަށް ޖެހުނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފެރީ އަޑިއަށް ދާން ފެށީ އެކްސިޑެންޓަށް ފަހުއެވެ.
އިންޑިއާގެ ނޭވީ އާއި ކޯސްޓްގާޑާއި މެރިން ޕޮލިސް ގުޅިގެން ފަސިންޖަރުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ގެއްލިގެން ހޯދަމުންދާ ފަސިންޖަރުން ހޯދުމުގެ މަސައްކަތުގައި ނޭވީގެ 11 ބޯޓާއި މެރިން ޕޮލިސްގެ ތިން ބޯޓާއި ކޯސްޓްގާޑުގެ އެއް އުޅަނދާއި ސާޗް އެންޑް ރެސްކިއު (އެސްއޭއާރް) އޮޕަރޭޝަންގެ ހަތަރު ހެލިކޮޕްޓަރު ހިމެނެއެވެ.

