ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ބަރުދަން ލުއިކުރުމަކީ ގިނަ މީހުންގެ އަމާޒެވެ. މި މަގުސަދު ހާސިލުކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ރަނގަޅު އާދަތަކެއް އަށަގެންނެވުމެވެ. ހާއްސަކޮށް ހެނދުނުގެ ވަގުތުތަކުގައި ގެންގުޅޭ އާދަތަކަކީ މުޅި ދުވަހުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަންކަމެވެ. މި ބަލައިލާނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ބައެއް ހެނދުނުގެ އާދަތަކަށެވެ.
ފުރަތަމަ ކަމަކަށް، ފަތިސް ނަމާދުން ދުވަސް ފަށައިގެން ޒިކުރު ކުރުމުން ހެނދުނުގެ އާދަތަކާ ހަމައަށް ދަމާތޯއެވެ. އަޅުގަނޑުމެން މުސްލިމުންނަށް ވުމުން ވާޖިބު ކަމަކަށްވުމާއެކު މިއީ ސައިންސްގެ ހޯދުންތައްވެސް ބުނާ ހަގީގީ ތެދެކެވެ. ފަތިހު ފަތިހާ ހޭލަައިގެން ތާޒާވެލުމާއެކު ދުވަސް ފެށުމަކީ މުޅި ދުވަހާއި ރޭގަނޑުގެ ނިދުމަށްވެސް އޭގެ ރަނގަޅު އަސަރު ފޯރުކޮށްދޭ ކަމެކެވެ.
ދުވަސް ފެށުމުގެ ކުރިން ހަށިގަނޑު ތާޒާކޮށް، ފެންމަދު ނުވާނެހެން ކަންތައް ކުރުމަކީ ވަރަށް މުުހިންމު ކަމެކެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފެން ތަށްޓެއް ބޯލުމަކީ ހަޖަމު ކުރުމުގެ މަސައްކަތްތައް އަވަސްކޮށްދޭ އަދި ހަށިގަނޑަށް ބޭނުންވާ ފެން ފޯރުކޮށްދޭ ކަމެކެވެ. މިއީ ދުވަސް ފެށުމުގެ އެންމެ ރަނގަޅު ގޮތެވެ.

ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރި ވެދޭނެ ބައެއް އާދަތައް/ ފޮޓޯ: އައިސްޓޮކް
ދެވަނަ ކަމަކީ މިންހެޔޮ ނާސްތާ އެކެވެ. ޕްރޮޓީން، ސިއްހަތަށް ފައިދާހުރި ފެޓްސް، އަދި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ހިމެނޭ މިންހެޔޮ ކެއުމެއް ހެނދުނުގެ ނާސްތާގެ ގޮތުގައި ބޭނުން ކުރުމަކީ ދުވަހުގެ ބާކީ އޮތް ބައިގައި ހަކަތަ ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިސާލަކަށް، 2 ފޮތި ހޯލްގްރެއިން ޕާނާއެކު ބިހެއް، ނުވަތަ އޯޓްމީލްއާއެކު ތަފާތު މޭވާތަކެއް ކެއުމަށް ބޭނުން ކުރެވިދާނެއެވެ.
ތިންވަނަ ކަމަކަށް، ހެނދުނު ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ހިނގުމުން ވިޔަސް ޔޯގާ ކުރުމެއް ކަމުގައި ވިޔަސް، ނުވަތަ އެހެން ކަހަލަ ކަސްރަތެއް ކަމުގައި ވިޔަސް، ހެނދުނު ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ހަރަކާތްތަކާއި ހަޖަމު ކުރުމުގެ ނިޒާމާއި ސިކުނޑިއަށް ތާޒާކަން ގެނެސްދިނުމާއި މިހެން ގޮސް އެތައް ގޮތަކުން ފައިދާ ހުރި އަދި މުޅި ދުވަހު މީހާގެ މޫޑު ރަނގަޅުކޮށްދޭ ކަމެކެވެ.
ހަތަރުވަނަ ކަމަކީ ހިތަށާއި ސިކުނޑިއަށް ލުއިކޮށްދޭފަދަ ރޫހާނީ އަރާމު ލިބިދޭފަދަ ހިމޭން ވަގުތުކޮޅެއް ހޭދަ ކުރުމެވެ. މުޅި ދުވަސް ރަނގަޅު ކުރުމަށް "ޕޮޒިޓިވް" ވިސްނުމަކާއެކު އައު އުއްމީދަކާއެކު ދުވަސް ފެށުން މުހިންމެވެ. "ނޫން. ނުވާނެ. ނޫޅެން. ފަދަ ބަސްތައް ދުރުކޮށް، އާނ، ވާނެ، ކުރެވޭނެ، ކުރާނަން ފަދަ ހިތްވަރުގަދަ ބަސްތަކާއެކު ދުވަސް ފަށާށެވެ.

ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރި ވެދޭނެ ބައެއް އާދަތައް/ ފޮޓޯ: އައިސްޓޮކް
ފަސްވަނަ ކަމަކީ ދުވަހުގެ ކެއުން ރޭވުމެވެ. ހެނދުނު ވަގުތު ކޮޅެއް ނަގައިގެން ދުވަހުގެ ކެއުން ރާވައިލުމަކީ ސިއްހަތަށް ފައިދާހުރި ކާނާ އިހުތިޔާރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިއާއެކު، ދުވަހުގެ ލަނޑުދަނޑިތައް ކަނޑައެޅުމަކީވެސް މުހިންމު ކަމެކެވެ. ސިއްހަތާއި ފިޓްނަސްގެ މަގުސަދުތައް ހިމެނޭ ގޮތަށް ދުވަހުގެ ލަނޑުދަނޑިތައް ލިޔެލުމަކީ ފޯކަސް ދެމެހެއްޓުމަށާއި ހިތްވަރު އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ހަވަނަ ކަމަކީ ހަކުރު އަދި ޕްރޮސެސްޑް ކާނާ ވަކިމިނެއްގައި ބެހެއްޓުމެވެ. ހަކުރު ގިނައިން އެކުލެވޭ ސީރިއަލްސް އަދި އެހެނިހެން ތައްޔާރީ ނާސްތާ ތަކެތި ކެއުމުން ދުރުހެލިވުމަށް މަސައްކަތް ކުރަންވާނެއެވެ. މީގެ ބަދަލުގައި ގުދުރަތީ ކާނާ އިހުތިޔާރުކުރުމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ހަތްވަނަ ކަމަކީ ޝުކުރުވެރިވުން ނުވަތަ މެޑިޓޭޝަން ޕްރެކްޓިސް ކުރުމެވެ. ހެނދުނު މަދު މިނިޓުކޮޅެއް ހޭދަކޮށްގެން މެޑިޓޭޝަން ކުރުމަކީ ނުވަތަ ޝުކުރުވެރިވާ ކަންކަމާ މެދު ވިސްނާލުމަކީ ހާސްކަން ދުރުކޮށް، ސްޓްރެސް ކުޑަކޮށްދޭ ކަމަކަށް ވުމާއެކު، ބަރުދަން ބެލެހެއްޓުމަށްވެސް ފައިދާހުރި ކަމެކެވެ. ހާސްވުން ކުޑަވުމުން "ކޯޓިސޯލް ހޯމޯން" މަދުވެ، ބަރުދަން އިތުރުވުމަށް ދިމާވާ އެއް ސަބަބު ނައްތާލެވޭނެއެވެ.

ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރި ވެދޭނެ ބައެއް އާދަތައް/ ފޮޓޯ: ގޯމެޑީ
އަށްވަނަ ކަމަކީ އިރުގެ އަލި ކޮންމެވެސް ވަރަކަށް ހޯދުމެވެ. ހެނދުނު ގުދުރަތީ އަވިން ހަށިގަނޑުގެ "ސާރކެޑިއަން ރިދަމް ރެގިއުލޭޓް" ކޮށް، ރޭގަނޑު ނިދުމަށްވެސް އޭގެ ރަނގަޅު އަސަރު ފޯރުކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ޖުމްލަ ސިއްހަތު ރަނގަޅުވެ، ބަރުދަން ބެލެހެއްޓުމަށް ފަސޭހަ ވެގެން ދާނެއެވެ.
ނުވަވަނަ އަދި އެންމެ މުހިންމު ކަމަކީ މި ހުރިހާ އާދަތަކެއްގައި ދެމިހުރުމެވެ. މި އާދަތައް ދުވަހުން ދުވަހަށް ދެމެހެއްޓުމަށް މަސައްކަތް ކޮށްފިނަމަ، ދިގު މުއްދަތުގައި އޭގެ ފައިދާ ކުރާނެކަން ޔަގީނެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ބަރުދަން ލުއިކުރުމަށް އެދޭ ކޮންމެ މީހަކުވެސް މި ހެނދުނުގެ އާދަތައް އަމިއްލަ ދިރިއުޅުމުގައި ތަތުބީގު ކުރަން މަސައްކަތް ކުރަންވާނެ ކަމަށެވެ. ނަމަވެސް، ހަނދާން ބަހައްޓަންވީ ކަމަކީ، ކޮންމެ މީހަކީވެސް ތަފާތު ފަރުދެއް ކަމަށް ވުމާއެކު، މި އާދަތައް އަމިއްލަ ދިރިއުޅުމުގެ ވައްޓަފާޅިއާއި އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތަށް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަން ދެނެގަތުމެވެ. އެއީ މި އާދަތައް ދިގު މުއްދަތަކަށް ދެމެހެއްޓުމަށް އެންމެ ފަސޭހަވާނެ ގޮތެވެ. ދުޅަހެޔޮ ސިއްހަތަކީ އުމުރު ދިގުކޮށްދޭ ކަމަކަށްވިޔަސް އޭގައި ކެތްތެރިވުން ހިމެނޭ ވަގުތު ނަގާ ދަތުރެއް ކަމަށް ވުމާއެކު، އެހެންކަމުން ކެތްތެރިކަމާއެކު މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.

ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރި ވެދޭނެ ބައެއް އާދަތައް/ ފޮޓޯ: އައިސްޓޮކް
މީގެ އިތުރުން، މި އާދަތައް ދިރިއުޅުމުގައި ހިމެނުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީވެސް މުހިންމު ކަމެކެވެ. ހާއްސަކޮށް ސިއްހީ މައްސަލަތަކެއް ހުރި ބޭފުޅުން، ނުވަތަ ވަކި ބޭހެއް ބޭނުންކުރައްވާ ބޭފުޅުން، އައު އާދަތަކެއް ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
ހަމައެހެންމެ، މި އާދަތަކަކީ ހަމައެކަނި ބަރުދަން ލުއިކުރުމަށް އެކަނި ފައިދާކުރާނެ ކަންކަމެއް ނޫނެވެ. މިއީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ފައިދާކުރާނެ ކަންކަމެވެ. މިސާލަކަށް، ރަނގަޅަށް ނިދުމުގެ އާދަތަކެއް އަށަގެންނެވުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ހާސްވުމާއި ކަންބޮޑުވުން ކުޑަވެ، އަދި ހަނދާން ބެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. ހަމައެހެންމެ، ކަސްރަތުކުރުމުން ހިތުގެ ދުޅަހެޔޮކަން އިތުރުވެ، ކެންސަރު ފަދަ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ.

ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރި ވެދޭނެ ބައެއް އާދަތައް/ ފޮޓޯ: އައިސްޓޮކް
އަދި ހަމަމިއާއެކު، މި އާދަތަކަކީ ނަފުސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ބޮޑަށް ފައިދާކުރާނެ ކަންކަމެވެ. މިސާލަކަށް، މެޑިޓޭޝަން ކުރުމުން ނުވަތަ ޝުކުރުވެރިކަމުގެ އާދަ އަށަގެންނެވުމުން ނަފުސާނީގޮތުން އުފާވެރިކަން އިތުރުވެ، ކަންބޮޑުވުންތައް މަދުވެގެންދާނެއެވެ. މިކަމުގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު މަތިވެ، އުފާވެރި ދިރިއުޅުމެއް އުޅެވޭނެއެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ މި ހެނދުނުގެ އާދަތަކަކީ ކޮންމެ މީހަކަށްވެސް ފަސޭހައިން ފަށައިގަނެވޭނެ ކަންކަމެވެ. މި އާދަތައް ދިރިއުޅުމުގައި ހިމަނައި، އެއާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑަށާއި ސިކުނޑިއަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކުރެވޭނެއެވެ. އެހެންކަމުން، މިއަދުން ފެށިގެން މި އާދަތައް ހަރުލެއްވުމަށް މިގޮތަށް ދުވަސް ފެށުމަށް މަސައްކަތް ކުރުމާއެކު، ދުޅަހެޔޮ، އުފާވެރި ދިރިއުޅުމަކަށް މަގުފަހިކުރަމާ ހިންގަވާށެވެ.

