މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު މިއަދު މަގާމުން ސަސްޕެންޑު ކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން މިއަދު ސޯޝަލްމީޑިއާގައި ބުނީ ފަޒީލް ސަސްޕެންޑް ކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ތަހުގީގަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. މި ސަސްޕެންޝަނާއެކު ފަޒީލް ވަނީ އޭނާގެ ހުރިހާ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުކޮށްފައެވެ.
އެމްޑަބްލިއުއެސްސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ފަޒީލް ސަސްޕެންޑް ކުރުމުގެ ނިންމުން ނިންމާފައިވަނީ ކުންފުނީގެ ބޯޑުންނެވެ. މި ނިންމުން ވަގުތުން ތަންފީޒުކުރެވި، މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައަކީ ގޯތި ލިބިފައިނުވާ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ އެޗްޑީސީގެ ބޯޑު މެންބަރުންގެ ތެރެއިން ޗެއަރމަން ފިޔަވައި ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދުގެ ބޭބެކަމެވެ. މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ފަޒީލްގެ ނަމުގައިވާ ލިޔުމެއް ދައުރު ވަމުންދާކަން ވެސް ފާހަގަކުރެވެއެވެ.
ފުލުހުން ބުނީ މި ކަމުގައި ތަހުގީގު ކުރެވެމުން ދަނީ ޑޮކިއުމަންޓުތަކެއް ފޯޖުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މިއީ ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން ފުލުހުން އިސްނަގައިގެން ފަށާފައިވާ ތަހުގީގެއްކަމަށް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

