މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ޖާގަ ނުދޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯގެ މަޤާމާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި ޑރ. ވިޓާލީ ލުބިމޯވް ވިދާޅުވެއްޖެ އެވެ.
ޑރ. ވިޓާލީގެ ފަރާތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ މަޤާމަށް އަހުމަދު ނާސިރު އައްޔަން ކޮށްފައިވާ ކަމަށެވެ. މިއީ އޭނާގެ ދައުރުގައި ކުންފުނީގެ އިސް މަޤާމަކަށް ގެނައި ފުރަތަމަ ބަދަލެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވަނީ، އެތަކެއް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ނާސިރަކީ އެ މަޤާމަށް އެންމެ އެކަށީގެންވާ ފަރާތް ކަމަށެވެ. އަދި އާ ޖެނެރަލް މެނޭޖަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސީދާ ސީއީއޯގެ އިރުޝާދުގެ ދަށުން މަސައްކަތްކޮށް، މިފްކޯގެ ހުރިހާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން ފުރިހަމައަށް ވަޒަންކުރުން ހިމެނޭ ކަމަށެވެ.
ނަމަވެސް، ނާސިރުގެ ބަދަލުގައި އެ މަޤާމަށް ކުރިމަތިލީ އެހެން ފަރާތެއް އައްޔަންކުރުމަށް ކުންފުނީގެ ބޭރުން އެކި ގޮތްގޮތުން ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ކަމަށް ޑރ. ވިޓާލީ ވިދާޅުވިއެވެ. ނަމަވެސް އޭނާ ވަނީ މިކަމާ ދެކޮޅަށް ތެދުވެވަޑައިގެން، ކުންފުނީގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވަން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.
“ކުންފުނީގެ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރުވަން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅާނަން. މިފަދަ ނުފޫޒުތަކަށް އޮންނާނީ ޒީރޯ ޓޮލަރެންސް. އަދި އެފަދަ ކަމެއް ކުރާ ފަރާތްތަކުގެ މަޢުލޫމާތު ވެސް ހާމަ ކުރާނަން،” ޑރ. ވިޓާލީ ވިދާޅުވިއެވެ.

