ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ސަރުކާރުން ނުދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ދައުލަތުގެ ބައެއް ވަޒީރުން ވިދާޅުވެއްޖެއެވެ. ވަޒީރުން މިފަދައިން ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީއިން ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެޗްޑީސީގެ އިސްވެރިންތަކެއް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ސަރުކާރުން ނުދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތަކުން ސާފުވާކަމަށެވެ. އަދި ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ރައީސްއަށް އެނގިވަޑައިގެން ހިނގިޔަ ނުދެއްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެފައިވަނީ، ކޮރަޕްޝަނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. އަދި ގައުމަށް އުޖާލާ މުސްތަޤުބަލެއް ގެނެވޭނީ ކޮރަޕްޝަން ނައްތާލައިގެން ކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ރައީސް އަޅުއްވަމުންގެންދަވާ ކޮންމެ ފިޔަވަޅަކަށް ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވެފައިވާ ކަންކަން އިސްލާހުކޮށް، އެކަންކަން ހައްލުކުރުމަށް ހުރި ހުރަސްތައް ނައްތާލައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އަދުލުވެރިވެވަޑައިގަންނަވާނެ ކަމަށާއި، ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ވިދާޅުވެފައިވެއެވެ.

