މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޭވިއޭޝަން އަދި ޓްރެވަލް އިންޑަސްޓްރީ ސްޓޭކްހޯލްޑަރ އިވެންޓެއް ބާއްވައިފިއެވެ. މި އިވެންޓުގައި އޭވިއޭޝަން އަދި ޓޫރިޒަމް ދާއިރާގެ މުހިންމު ފަރާތްތައް ބައިވެރިވެފައިވެއެވެ.
މި ހަރަކާތުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، މޯލްޑިވްސް އެސޯސިއޭޝަން ޓްރެވަލް އިންޑަސްޓްރީ (މަޓީ)، ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި މޯލްޑިވްސް ޔޮޓް އެސޯސިއޭޝަން (މާޔާ) ގެ މަންދޫބުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި ރާއްޖޭގައި ހަރަކާތްތެރިވާ އެއަރލައިންތަކުގެ މަންދޫބުން ވެސް ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފު މުހައްމަދު ވިދާޅުވީ މި މަހުގެ ނިޔަލަށް 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ މުހިންމު މައިލްސްޓޯނެއް ކަމަށާއި މި ލަނޑުދަނޑި ހާސިލު ކުރެވެނީ ދާއިރާގައި ހަރަކާތްތެރިވާ އެންމެންގެ މަސައްކަތުން ކަމަށެވެ.
ސީއީއޯ ޝަރީފް އިތުރަށް ވިދާޅުވީ އައު އެއަރލައިންތަކާއި، ރޫޓްތަކާއި، އަދި އިތުރު ކާގޯ hiދުމަތްތަކުގެ ޒަރީއާއިން ކަނެކްޓިވިޓީ ވަރުގަދަކުރުމަށް މަސައްކަތްކުރަތްކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ހިދުމަތަށް ލިބޭ ކުރިއެރުމަކީ ދެ ދާއިރާ ހިއްސާވާ ކާމިޔާބީއެއް ކަމަށް ފާހަގަ ކުރެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި ދެ ދާއިރާގެ ކުރިއެރުން ބިނާވެފައިވަނީ ދެމެހެއްޓެނިވި އެއްބާރުލުމާއި ހަރުދަނާ ޕާޓްނަރޝިޕްގެ މައްޗަށް ކަމަށް ވިދާޅުވެ، ހުރިހާ ފަރާތްތަކުން ކުރާ މަސައްކަތަށް ޝަރީފު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، އިންފްރާސްޓްރަކްޗަރ އަދާހަމަ ކުރުމާއި، އޮޕަރޭޝަންތައް ހަރުދަނާކޮށް، ހިދުމަތް ފޯރުކޮށްދިނުން އިތުރުކުރުމަށް ޓަކައި ޓެކްނޮލޮޖީގެ އާ ހައްލުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ސީއީއޯ ޝަރީފު ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ އޮޕަރޭޝަނަލް ހަރުދަނާކަން އިތުރުކުރުމާއި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން ކަމުގައި ސީއީއޯ ޝަރީފު ފާހަގަކުރެއްވިއެވެ.
މި އިވެންޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެއަރ ސަރވިސް ޑިވެލޮޕްމަންޓްގެ ކާމިޔާބީއަށް ހިއްސާކޮށްފައިވާ މުހިންމު ސްޓޭކް ހޯލްޑަރުންނާއެކު ގުޅުން ބަދަހިކުރުމަށް ލިބުނު ފުރުސަތެކެވެ. އަދި މިފަދަ އިވެންޓްތަކަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު ބައްދަލުވުންތަކެއް ކަމަށް ބައިވެރިން ފާހަގަ ކޮށްފައި ވެއެވެ.

