ސަރުކާރުން ކުރިއަށްގެންދާ “ބިންވެރިޔާ” ސްކީމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި އޭސީސީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި “ބިންވެރިޔާ” ސްކީމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަ ތަޙްޤީޤުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
ފުލުހުން މިހާރު ތަހުގީގު ކުރަމުން ދަނީ ގޯތި ލިބިފައިނުވާ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުންގެ ތެރެއިން ޗެއަރމަން ފިޔަވައި އެހެން ހުރިހާ މެންބަރުން ސަސްޕެންޑު ކޮށްފައެވެ. އަދި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންވެސް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ވަނީ ސަސްޕެންޑު ކޮށްފައެވެ.
ފުލުހުންގެ ފަރާތުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގައި ޑޮކިއުމަންޓުތަކެއް ފޯޖުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެކަން ތަހުގީގު ކުރަމުންދެއެވެ. މިއީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްނަގައިގެން ފެށި ތަހުގީގެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ސީރިއަސްކަން ފާހަގަކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒު އައްބާސް ޝަރީފު ވަނީ މި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ފުލުހުންނާއި އޭސީސީއަށް އަމުރު ކުރައްވާފައެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި މިފަދަ އަމުރެއް ނެރުއްވީ މިއީ އާންމުންގެ މަސްލަހަތު ހިމެނޭ މައްސަލަ އަކަށް ވާތީ އެވެ.

