ށ.ފޯކައިދޫ ސްކޫލުގައި ކީރިތި ރަސޫލާއަށް ފުރައްސާރަވާފަދަ ގޮތަކަށް މަދަހައެއް ކިޔާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފޯކައިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު މަތީން ވިދާޅުވި ގޮތުގައި އެއީ ސްކޫލް ހޯލްގައި ހުރި ސައުންޑް ސިސްޓަމްގެ އަޑު ރަނގަޅުތޯ ޗެކްކުރުމަށްޓަކައި ކިޔުނު މަދަހައެއް ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ގޯސްނިޔަތަކު ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
“އެއީ ވަރަށް މަޖާ ޓީޗަރެއް. މުބާރާތް ތެރެއަކުންވެސް ނޫން އެއީ. ސޯލޯ ޕާފޯރމެންސް ނިންމާފަ ގުރޫޕް މަދަހަތައް ކިޔުމުގެ ކުރިން ޖަޖުން ބޭނުންވީ ސައުންޑް ޓެސްޓްކޮށްލަން. ދެން ތަންކޮޅެއް މަޖާ ޓީޗަރެއްވީމާ މަޖާކޮށްލަން ކުރިކަމެއް އެއީ. އެއްވެސް ހާލެއްގައި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ނިޔަތަކު ނޫން އެ ޓީޗަރު އެކަން ކުރީކީ.” މަތީން ވިދާޅުވިއެވެ.
އެސްކޫލްގެ ބެލެނެވެރިންނާއި ދަރިވަރުންގެ ހާޒިރުގައި ކިޔާފައިވާ މިމަދަހައިގެ އެއް ކަޑި ރަނގަޅަށް ކިޔުމަށްފަހު ދެވަނަ ކަޑީގައި ކިޔާފައިވަނީ މުޅިންވެސް އެހެން ވަހަކަތަކެކެވެ. އެމަދަހައިގެ ރާގުގައި ކީރިތި ރަސޫލާއަށް ފުރައްސާރަވާގޮތަށް މަދަހައިގެ ދެވަނަ ކަޑި ކިޔުމުން ހޯލުގައި އެވަގުތު ތިބި ހުރިހާ ކުދިން ހޭންފެށިއެވެ.
ފޯކައިދޫ ސްކޫލްގެ ޕްރިންސިޕަލް އިތުރަށް ވިދާޅުވީ މިކަމާ އެއްވެސް ބެލެނެވެރިޔަކު ޝަކުވާއެއް ކޮށްފައިނުވާ ކަމަށާއި މިމަދަހަ ކިޔާފައިވަނީ ދެގަޑިއިރުގެ ފަންކްޝަނެއްގެ ބްރޭކްގެ ތެރެއިން ކަމަށެވެ. ޓީޗަރަކު މަޖަލަކަށް ކިޔަފައިވާ މިމަދަހަ ރިކޯޑްކޮށް މިގޮތަށް ވައިރަލް ކުރުމުން އެކަމާ ދެރަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

