ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވެ، ފެށި ތަހުގީގާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖްމަންޓުގެ އިސް މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި އެވެ.
އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ އެމްޑީ ފަޒުލް ރަޝީދުވެސް ހިމެނޭހެން ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރުން، މިއަދު ވަނީ ސަސްޕެންޑްކޮށްފައެވެ.
ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑް ކޮށްފައިވާއިރު، އިތުރު ސީނިއާ މަގާމުތަކުގައި ތިއްބެވި އިސް މުވައްޒަފުންތަކެއްވެސް މިވަނީ ސަސްޕެންޑުކޮށްފައެވެ. އެ މުވައްޒަފުންނަކީ:
- ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދު،
- އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދު،
- ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން،
- އެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން
މި މައްސަލައިގައި ފުލުހުން ވަނީ އިއްޔެ އެޗްޑީސީއަށް ވަދެފައެވެ. ފުލުހުން ބުނެފައިވަނީ މި ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މިއީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް ކަމަށެވެ. އޭސީސީންވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެފައިވަނީ، އެޗްޑީސީން އެފަދަކަމެއް ކޮށްފައި ނުވާނޭ ކަމަށާއި، އެކަން ފާހަގަކުރެވިގެން ހައުސިން މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނައީ އެޗްޑީސީން ކަމަށެވެ. ރައީސް އޮފީހުން ބުނެފައިވަނީ، ގޯތި ލިބުނު އެއްވެސް މީހެއްގެ އުނިކަމެއް ލިބިފައި ނުވާނޭ ކަމަށެވެ.
މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވަނީ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނާއި އޭސީސީއަށް އަމުރުކުރައްވާފައެވެ.

