ދިވެހިރާއްޖޭގެ ގއުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު އިލްމީ ދިރާސާތައް ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްއެންޔޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެންޔޫގެ ފަރާތުން ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް އާއި، ޕެންޝަން އޮފީހުގެ ފަރާތުން އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝުޖާއަތު ހަލީމްއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ޖޮއިންޓް ރިސާރޗް ޕްރޮޖެކްޓްތައް އެކުލަވާލައި ހިންގުމާއި، މައުލޫމާތާއި ޑޭޓާ ބަދަލުކުރުމާއި ހޯދުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން، ޕެންޝަނާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމާއި، ޕެންޝަނަށް އާންމުން އަހުލުވެރިކުރުމަށް ޕްރޮގްރާމުތައް ހިންގުންވެސް ހިމެނޭ ކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއްވިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ވިދާޅުވެފައިވަނީ މި އެއްބަސްވުމާއެކު ދެފަރާތުގެ ކުރިއެރުމާއި، މުޖުތަމައަށް ފައިދާހުރި އައު ފުރުސަތުތައް ހޯދުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
ޕެންޝަނަކީ މީހަކު އުމުރުން ދުވަސްވުމުން ނުވަތަ ރިޓަޔަރވުމަށްފަހު ބޭނުންކުރުމަށް އެއްކުރާ ފައިސާއެވެ. މިފަައިސާއަކީ އެއްވެސް ހާލެއްގައި އިތުރަށް ލިބޭ އެއްޗެއް ނޫނެވެ. މިއީ ހުދު އެމުވައްޒަފު މީހާގެ މުސާރައިން ކޮންމެ މަހަކުވެސް ޕެންޝަނަށް ކަނޑައަޅާފައި އޮންނަ އަދަ ރައްކާކުރެވެމުންދާ ފައިސާ އެވެ. އަދި އާމްދަނީއެއް ނުލިބޭ އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުން ދޭ ފައިސާވެސް މީގެ ތެރޭގައި ހިމެނެއެވެ.

