އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި އަހަރު ތެރޭގައި ޖުމްލަ 818 އިމާމުން ތަމްރީނު ކޮފިއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ 11 ސަރަހައްދަކަށް ބަހާލައިގެން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 9 މާއްދާއެއް ކިޔަވައިދީފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގުރުއާން، ތަޖުވީދު، ތަފްސީރު، ފިގުހު، ހަދީސް އަދި އަގީދާގެ އިތުރުން އިމާމުންނަށް ބޭނުންވާ އެހެނިހެން މުހިންމު މައުލޫމާތެވެ.
އިމާމުން ތަމްރީނު ކުރުމުގެ އެންމެ ފަހު ބެޗްގައި ބައިވެރިވެފައިވަނީ މާލެ ސިޓީގެ އިމާމުން ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މި ބެޗާއެކު މުޅި އަހަރުގެ ތެރޭގައި ތަމްރީނު ކުރެވުނު އިމާމުންގެ އަދަދު 818 އަށް އަރާފައިވާ ކަމަށް މިނިސްޓްރީން ވަނ ބުނެފައެވެ.
މީގެ އިތުރުން، އިމާމުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ރާއްޖޭގައި ހިންގާ ސޯޝަލް ހައުސިންގ ސްކީމްތަކުގެ ތެރެއިން ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކަށް ދެ އިމާމުން ހަމަޖައްސައި، އޭގެ ތެރެއިން އެއް އިމާމަކު ބަންގި ގޮވުމަށް ޚާއްޞަކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އިސްލާމީ މަރުކަޒުތަކުގެ މައި އިމާމުންގެ ގޮތުގައި ޑިގްރީ ފެންވަރުގެ އިމާމުން ހަމަޖެއްސުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

