ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ މިއީ ޒަމާނުއްސުރެ ދިވެހިން ވަރަށް ފަރިތަ ކަމެކެވެ. އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އިތުބާރާއި ޙައްޤު އަދި ރައްކާތެރިކަމާއި އަމާންކަމެއް ނެތް މުޖުތަމަޢުއިން އެ ޢަމަލާއި މެދު ވިސްނުމާއި ފިކުރިއްޔާތަށް ބަލާއިރު މިއީ ގައުމުން ފޮހެވިގެންދާނެ ކަންތައްތަކެއްނޫން ކަމަށް ރައްޔިތުން ގަބޫލު ކުރެއެވެ. ޤައުމުގެ ޙަޤީޤީ ޙާލަކީ އެއީއެވެ.
މާޒީއަށް ދުރުމިއަޅާއިރު ރައީސް ޔާމީންގެ ސަރުކާރުގައި މިކަން މުޅި ގައުމުގައި ވަކިހިއްޕާލާފައި އޮތީ ފާޅުކަންބޮޑު ގޮތެއްގައެވެ. ދައުލަތުގެ ފައިސާއަކީ ތިމަންނާމެންނަށް ބޭނުންހާ ގޮތަކަށް ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޙިޔާނާތުން ފެށިގެން ގޮސް އެތައް ކަމެކެވެ. އަދިއަދަށްވެސް އެ މައްސަލައިގެ ތަހުގީގް ރަނގަޅު ގޮތުގައި ކުރެވިފައި ނުވެއެވެ.
މިއާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ބަލާއިރުވެސް މިކަން އޮތީ ފެންނާށެވެ. ދައުލަތަށް ހިޔާނާތެރިވި ބަޔެއްގެ ދިފާއުގައި މުޅި ދައުލަތް އެއްކޮށް ތެދުވިތަނެވެ. އަދި އެފަދަ ފަރާތްތަކަށް ސިދާ މުޅި ސަރުކާރުުން ހިމާޔަތްދިންތަނެވެ. މާޒީގައި ވެރީން ވައްކަމާއި، ކޮރަޕްޝަނަށް ހުޅުވިފައިއޮތް ދޮރުތައް ބަންދުކުރުމަކީ ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ދިޔައީ ބުނަމުންނެވެ. މިކަމަށް "ރިއެކްޓް" ކުރާނެ ވެރިއެއްގެ އިންތިޒާރަށް ނިމުމެއްގެންނަން ރައްޔިތުން ކޮށި މަގުން ހަލުވި ފިޔަވަޅު އަޅަމުން ނުކުތީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ކޮރަޕްޝަނާއި ވައްކަމަށް ނޫނެކޭބުނެ ޒީރޯ ޓޮަލަޜޭންސްގައި ހަމައެކަނި ހުންނާނެ ވެރިއަކީ ވެސް މިއަދުގެ ރައީސެވެ. ވައްކަމާއި ކޮރަޕްޝަނަށް ނޫނެކޭ ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުތީ ކެރިގެންނެވެ. މިއަދުގެ ސަރުކާރުން މިކަން ހާމަކޮށްފިއެވެ.
މިއަދުގެ ސަރުކާރުން ވައްކަމާއި ކޮރަޕްޝަނާއި ފަސާދައަށް ބީރު ކަންފަތެއްދީ ކޮރަޕްޝަނާއި ވައްކަމަކަމަށް ނޫނެކޭ ބުނެފިއެވެ. މިފަދަ އަމަލުތަކަށް ކުރީ ސަރުކާރުތަކުން ރިއެކްޓް ނުކުރި ނަމަވެސް މި ސަރުކާރުން އެފަދަ ކަންކަމަށް ފުރިހަމައަށް ރިއެކްޓް ކުރާނެކަން ވަނީ ސާބިތު ކޮށްދީފައެވެ.
މިކަން މިއަދު ސާބިތުވީ "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ލިޔުން ތައްޔާރުކޮށް، މަކަރާއި ހީލަތުން ބިންތައް ދީފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަން ފެށުމުން ސަރުކާރުން އަމަލުކުރި ގޮތުންނެވެ. އެކަމުގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވަނިކޮށް އެކަމަށް އަވަސް ހައްލެއްހޯދައިދީ ގޯއްޗާއި ފްލެޓްތަކުގެ ހައްގުވެރިފަރާތްތަކަށް، ސަރުކާރުން ދެއްކި އުއްމީީދީ މަންޒަރުތަކުންނެވެ. އަދި "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް ގޯތިދިން މައްސަލައިގައި އެކަމުގައި ޝާމިލްވާ ފަރާތްތައް ސަސްޕެންޑް ކުރި ހިސާބުން ވެސް މެއެވެ.
މިއަދު ފެނިގެން ދިޔައީ ވައްކަމަށް މަގުފަހިވާނެ ކަންކަމަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖާގަ ނުދެއްވާނެކަމެވެ. އެފަދަ ކަންކަން "ޓޮލަރޭޓު" ނުކުރައްވާނެކަން ކަމެވެ. އަދި ކަމާގުޅުން ހުރި މުއައްސަސާތަކާއި، ކޮމިޝަންތައް، ފުރިހަމަ ބާރުވެރިކަމުގައި ނުފޫޒެއްނެތި، ހަރަކާތްތެރިވުމުގެ މިނިވަންކަން ލިބިދީފައި އޮތްކަމެވެ.
މިިކަމުގައި ސަރުކާރަށް ނިސްބަތްވާ ގިނަމެމްބަރުނާއި ރައްޔިތުން އުފާ އެބަކުރެއެވެ. ސީދާ ސަރުކާރުން މިފަދަ ރަނގަޅު ނިންމުމެއް ނިންމާފައިވާތީއެވެ. އަދި މާޒީގައި ސަރުކާރުތަކުގެ ތެރެއިން ފެނުނުފަދައިން މިސަރުކާރުން އެފަދަ ކަމެއްފެނިފައި ނުވާތީވެސް މެއެވެ. މާޒީގައި ފެނިގެންދިޔައީ މިނިވަން މުއައްސަސާތަކުން ސަރުކާރުގެ ކުންފުނިތަކުގެ ވައްކަންތައް ބަލަންފަށާ ހިސާބުން ވައްކަންތައް ފޮރުވުމަށްޓަކައި އެ މުއައްސަސާތަކުގެ ބާރު ކަނޑުވާލާތަނެވެ. މުއައްސަސާތަކާއި ގުޅުންހުރި އިދާރާތައް "ޕެރަލައިޒް" ކޮށްލަމުން ދިޔަ މަންޒަރު ކަމަށްވެސް ގިނަ ރައްޔިތުންދަނީ މިއަދު ބުނަމުންނެވެ.
ފާހަގަވާން އޮތީ ވެންޓިލޭޓަރު ވައްކަމާއި، ބިލިއަނުން ސަރުކާރުގެ ކުންފުނިތަކުން ހިންގަމުންދިޔަ ވައްކަންތަކެވެ. ފްލެޓަކާއި ބިންތަކުން ކުރަމުންދިޔަ ވައްކަންތައް ބެލޭނެ މަގުތައް، މާޒީގައި ސަރުކާރުތަކުން ދިޔައީ ބަންދުކުރަމުނެވެ. އަދި މިއާއެކު ރަށްތަކާއި ފަޅުތައް ގާތް ބޭބޭފުޅުންނަށް ބަހާލައި، ބިލިއަނުން ރައްޔިތުންނަށް ގެއްލުން ލިބޭނެ މަގަށް ކަންކަން ކުރަމުންދިޔަ ދިޔުމަކީވެސް ރައްޔިތުން މިއަދު ހަނުނުތިބޭނެ ކަމެއްވެސް ނުމެނޫނެއެވެ. އޭރުގެ ވެރީންނާއި މުޅި ސަރުކާރުންތިބީ އަތްޖަހާށެވެ. އެކަންކަމަށް ހިތްވަރުދޭށެވެ.
ގައުމަށް ގެންނަ ހެޔޮބަދަލާއެކު ފެންނަން އޮތީ މިފަދަ ނޭއްގާނީ ކަންކަމަށްވެސް ރައީސް ޑރ. މުއިއްޒު ރިއެކްޓްކުރާ މިންވަރެވެ. ސަރުކާރުގެ މިހަލުވި ސްޕީޑުން އެގިގެންދަނީ ގައުމަށް ފާގަތިކަން ގެނެސްދޭނީ ގައިމު މިއަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމެވެ.

