މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ މެރިޓް އެވޯޑު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)ގެ ހަތަރު ދަރިވަރަކަށް މިއަދު ދީފިއެވެ. މި އެވޯޑަކީ ކުންފުނީގެ ސީ.އެސް.އާރު – އެމް.އޭ.ސީ.އެލް ކެއަރގެ ދަށުން ސީ.އެޗް.އެސް.އީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރަކަށް ދެވޭ އެވޯޑެކެވެ.
މިއަހަރުގެ އެވޯޑު ލިބުނު ދަރިވަރުންނަކީ އަލީ މާއިސް މުފީދު، ނިޝްޔާ ވަހީދު، އަހްމަދު ރާއިފް ނަސީމް އަދި ޔަޝާ ޝަފީ ޝަފީގްއެވެ. މި އެވޯޑާއެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުން، ޑޭޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސެއް އެއްއަހަރު ދުވަހުގެ މުއްދަތަށް ދެއެވެ. އަދި މި އެވޯޑު ލިބުނު ދަރިވަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މިކަމަށްޓަކައި މިއަދު ސީ.އެޗް.އެސް.އީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި، ސީ.އެޗް.އެސް.އީގެ އިސްވެރިންގެ އިތުރުން ގްރޭޑް 11ގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުން ބައިވެރިވިއެވެ. އެވޯޑު ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އެމް.އޭ.ސީ.އެލް އަކީ މީހުން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އަދި ސްކޫލް ނިންމާ ދަރިވަރުން އެމް.އޭ.ސީ.އެލްއާ ގުޅުމަށް ދަޢުވަތު އެރުވިއެވެ.
ސީ.އެޗް.އެސް.އީގެ ޕްރިންސިޕަލް ޒުހުދުލް ހައްޤު ވަނީ އެމް.އޭ.ސީ.އެލް އިން މިފަދަ ފުރުޞަތުތަކެއް ދަރިވަރުންނަށް ހޯދައިދިން ކަމަށްޓަކައި، ކުންފުނީގެ އިސްވެރިންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި މި އެވޯޑުގެ ސަބަބުން ދަރިވަރުން ކިޔެވުމުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.
އެމް.އޭ.ސީ.އެލް ކެއަރގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ، ގައުމަށް ބޭނުންވާ ހިންގުންތެރި މީހުން އުފެއްދުމަށް ވެވޭ އެހީއެކެވެ. މެރިޓް އެވޯޑުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ސީ.އެޗް.އެސް.އީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށް އެމް.އޭ.ސީ.އެލް އިން ދަނީ ފައިސާގެ އިނާމުވެސް ދެމުންނެވެ.
އެމް.އޭ.ސީ.އެލް ކެއަރގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކަށް ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޒުވާނުންގެ ތަޢުލީމީ ފެންވަރު މަތިކޮށް، އެމީހުންގެ ކުރިމަގު އުޖާލާކުރުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އިބްރާހިމް ޝަރީފް މުޙައްމަދު އިތުރަށް ވިދާޅުވީ، ކިޔެވުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގައި، ހާއްސަކޮށް ކަންކަން ރާވައި ހިންގުމުގައި އަމަލީގޮތުން ބައިވެރިވުމަކީ ދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، މުސްތަޤުބަލުގައި ކާމިޔާބު މީހުންނަށް ވުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައެވެ.

