ހުޅުމާލޭގައި ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ތިން ފަރާތަކަށް ބިން ދޫކޮށްފައިވާ މައްސަލަތަކެއް ފާހަގަވެއްޖެއެވެ. ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، 3 ލޮޓެއްގެ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެ ލިޔުންތައް ދޫކޮށްފައިވަނީ މިދިޔަ ސަރުކާރުން ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް ފާހަގަވެފައިވާ ގޮތުގައި، ބައެއް ލޮޓްތަކާ ގުޅިގެން އިމާރާތް ކުރުމުގެ ހުއްދަ ހޯދުމަށް ޕޯޓަލް މެދުވެރިކޮށް ލިޔުން ހުށަހަޅާފައިވާއިރު އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުގެ ނަމުގައިވެސް ލިޔުން ހުށަހަޅާފައިވާކަން ފާހަގަ ވެފައިވެއެވެ.
އޭސީޕީ އަބްދުﷲ ޝަރީފް ވިދާޅުވީ، މި މައްސަލައިގައި ހުރިހާ ފަރާތްތަކަކީވެސް ޝަރުތު ހަމަނުވާ އަދި ބިން ހޯދުމަށް ހުށައަޅާފައިވެސް ނުވާ ފަރާތްތަކެއްކަން ތަހުގީގުން ހާމަވެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން އެކަކު ނިމިދިޔަ ސަރުކާރުގެ ހައުސިންގ މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކޮށް، ފަހުން ބިން ހަމަޖެހިގެން ސޮއި ކުރި ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް 6 ފަރާތަކާ ސުވާލުކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި އެޗްޑީސީގެ އެއްވެސް މުވައްޒަފެއް ނުހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ތަހުގީގު އިތުރަށް ފުޅާކުރަން ޖެހިފައިވާ ކަމަށާއި، އެޗްޑީސީއާއި ހައުސިން މިނިސްޓްރީގައި ކުރީ ދައުރުގައި އަދި މި ދައުރުގައި މަސައްކަތްކުރާ ފަރާތްތަކުގެ މި ކަމާ އެއްވެސް ގުޅުމެއް ހުރިތޯ ބަލާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި މިހާތަނަށް ބެލިބެލުމުގެ ތެރޭގައި ފްލެޓަށް ކުރިމަތިލީ މީހަކަށް ވެސް ބިން ދީފައިވާ މައްސަލައެއް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ދެ ސްކީމްތަކުގެ ދަށުން އެއްވެސް ފަރާތަކުން ގޯހެއް ހިންގާފައިވޭތޯ ނުވަތަ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ކަމެއް ކޮށްފައިވޭތޯ ބަލާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން، “ބިންވެރިޔާ” އަދި “ގެދޮރުވެރިޔާ” ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހުންނަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރުކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ސަސްޕެންޑްކޮށް އަދި ބޯޑުން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ. މީގެ އިތުރުން، އެންމެ ފަހުން އެޗްޑީސީގެ ޗެއާމަންކަމަށް އައްޔަންކުރި އަޙްމަދު ނާސިފް (ޑީޑީ) ފިޔަވައި ހުރިހާ ބޯޑު މެންބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ.
ބޯޑު މެންބަރުންގެ އިތުރުން، އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދު، ޗީފް ފައިނޭންޝަލް އޮފިސަރު އަބޮފިސަރު އަބްދުﷲ ފާއިދު، ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަޙްމަދު ޔާމީން، އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަޙްމަދު އައިމަން ވެސް ވަނީ ސަސްޕެންޑްކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމުން، ރަނގަޅު ތަހުގީގެއް ހިންގާނެ ކަމަށާއި، މިހާ ހިސާބަށް އެކި ފަރާތްތަކުންނާއި ސަރުކާރުގެ ވުޒާރާތަކުން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

