މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހުގެ ދަރިފުޅު އިސްމާއީލް ހާތިމް ވަޖީހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބިމެއް ގަނެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ "އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު" ވާހަކަތަކެއް ކަމަށް ވަޖީހު ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅޭގޮތުން ވަޖީހު މިހެން ވިދާޅުވެފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ އޭނާގެ ދަރިފުޅު އިސްމާއީލް ހާތިމް ވަޖީހު އެޗްޑީސީއިން ބިމެއް ގަތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ "އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް" ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅު އިސްމާއީލް ހާތިމް ވަޖީހު އެޗްޑީސީއިން ބިމެއް ގަނެފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ. އެފަދަ އެއްވެސް އެއްބަސްވުމެއްވެސް ހަދާފައި ނުވާނެ ވާހަކަ ދަންނަވަމެވެ،" ވަޖީހު އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.
މި ވާހަކަތައް ފެތުރެމުންދަނީ މިހާރު ފުލުހުން އެޗްޑީސީގެ މައްޗަށް "ބިންވެރިޔާ" ސްކީމުގެ ބިންތަކެއްގެ ލިޔުން ފޯޖުކޮށްގެން ބިންތައް ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ކުރަމުންދާ ތަހުގީގަކާ ގުޅިގެންނެވެ. މި މައްސަލައިގައި އެޗްޑީސީގެ އިސްވެރިންނާއި މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވެއެވެ.

