ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލާގައި، މިހާރު މަގާމުން ސަސްޕެންޑުކޮށްފައިހުރި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ، "ފަޒުލްއަކަށް އަޅުގަނޑުމެން އަދި މިހާ ހިސާބަކަށް އެއްވެސް ތުހުމަތެއް ނުކުރަން. އެހެން ނަމަވެސް ތަހުގީގު ދާ ވަރަކުން އެއްވެސް ފަރާތަކަށް ތުހުމަތު ކުރެވޭ ކަމަށްވާނަމަ އެ ފަރާތަކާ ސުވާލުކޮށް ތުހުމަތު އިއްވާނަން،" ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ހުޅުމާލޭގެ ތިން ލޮޓެއްގައި މައްސަލަ ހުރި ކަން ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ބިމަކީ ބިންވެރިޔާ ސްކީމުން ޝަރުތު ހަމަވެގެން އެހެން ބަޔަކަށް ލިބިފައިވާ ބިންތަކެއް ކަމަށާއި، އަނެއް ބިމަކީަނެއް ބިމަކީ އެއްވެސް ފަރާތަކަށް ދީފައިވާ ބިމެއް ނޫން ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް ހަ ފަރާތަކާ ސުވާލުކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެ ފަރާތްތަކަކީ ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ފުރިހަމަ ނުވާ އަދި ސްކީމުގައި ބައިވެރިވާން ހުށަވެސް ނާޅާ ފަރާތްތަކެއް ކަމަށް ފާހަގަކުރެއްވި އެވެ.
ފުލުހުން އިތުރަށް ބުނީ އެ މީހުންގެ އަތުގައި ހުރި ލިޔުންތައް ތަހުގީގަށް ނަގައި މިހާރު ހައުސިން މިނިސްޓްރީއަށް ވެސް ގޮސް އެތަނުން ލިބެންހުރި ޑިޖިޓަލް ލިޔުންތައް ހޯދައި ތަހުލީލް ފަށާފައިވާ ކަމަށެވެ.
މި މައްސަލައިގައި ތަހުގީގު ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

