ސްޓެލްކޯގެ މުވަޒަފުންގެ އަގުނުކުރެވޭ މަސައްކަތަށް ޝުކުރުވެރިވާ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ކަރަންޓުގެ ޚިދުމަތުގެ އަލިމަސްޔޫބީލާއި ހަމަޔަށް މިއަދު ވާސިލްވެފައިވާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމު ބިނާކުރުމާއި، ތަރައްޤީއާއި ތަހުޒީބަށް މަގުފަހިކޮށްދީ، އިންސާނީ އަދި އުމްރާނީ ތަރައްޤީއަށް ކަރަންޓުގެ ޚިދުމަތްތެރީން އިޚްލާޞްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ އަގުހުރި މަަސައްކަތްތައް ކަމަށެވެ.
މި ކާމިޔާބީގެ ވާހަކަތައް ތާރީޚުގައި ލިޔެވިގެންދާއިރު، އެ ސިނާއަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާމެދު ފަޚުރުވެރިވާ ކަމަށާއި، އެކިއެކި ގޮންޖެހުންތަކާއި ކުރިމަތިލައްވައިގެން، ކާމިޔާބީގެ ހަރުފަތްތައް ގިރާކުރައްވަމުން އަލިމަސް ޔޫބީލްއާ ހަމައަށް ވާޞިލުވުމުގައި، އެ ސިނާއަތުގައި އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުން ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވި ޚިދުމަތްތަކަށާއި، އަދި މިހާރު ތިއްބެވި ބޭފުޅުން މެދުކެނޑުމެއް، ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި ކޮށްދެއްވަމުންގެންދަވާ އަގުހުރި ޚިދުމަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
އަދި މީގެ އިތުރުން ފަހުމީ ފާހަގަކުރެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި އެ ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށް ކަމަށާއި، އެއީ އިހްލާސްތެރި ދުޢާކަމުގައެވެ. އެބޭފުޅުން ދެމުންގެންދާ ޤައުމީ ހިދުމަތުގައި ބަރަކާތްލައްވައި އިތުރު ފާގަތިކަން މިންވަރުކުރެއްވުމަށް އެދޭކަމަށްވެސް ވިދާޅުވިއެވެ.

