ޅޮހީ ބަނދަރުގެ ބައެއް ނިމި އަންނަ ހަފްތާގައި ބޭނުން ކުރެވެން ފަށާނެއެވެ. ނ.ޅޮހީ ބަނދަރަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ބަނދަރު ކަމަށް ވާއިރު މި ބަނދަރަކީ ރައްކާތެރިކަމުގެ ގޮތުން ބަލާއިރުވެސް ބޭނުންކުރުން އެންމެ ރަނގަޅު ބަނދަރެއް ނޫނެވެ. އެހެންކަމުން ޅޮހީގެ ރައްޔިތުންގެ ގޮވާލުމާ އެއްގޮތަށް މިހާރު ތަރައްޤީ ކުރެވެމުންދާ ބަނދަރުގެ މަޝްރޫޢު އަކީ އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫޢު އެކެވެ.
ޅޮހީ ބަނދަރަށް މިހާރު ލަފާ ސަރަހައްދުގެ ވާޓަރުން ބައެއް ވެއްޓި އެކި ހިސާބުތަކުން ރެނދުލައި ހަލާކުވެފައިވާއިރު، މޫސުން ގޯސްވެ ވައިގަދަވާ ދުވަސްވަރު އެތަން ބޭނުންކުރުން އެންމެ ރައްކާތެރިއެއް ނޫނެވެ.
ޅޮހީ ކައުންސިލް ރައީސް އިބްރާހީމް މުޙައްމަދު ނޫހަކަށް މައުލޫމާތު ދެއްވި ގޮތުގައި ޅޮހީ ބަނދަރު ވީރާނާވެ ބޭނުންކުރަން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އެރަށަށް އިގްތިޞާދީ ގޮތުން ލިބެންޖެހޭ ފައިދާއާ މަންފާ ލިބުމުގައިވެސް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.
އެގޮތުން ބަނދަރު ސަރަޙައްދުގައި ޤާއިމުކުރެވިފައިވާ އައިސްޕްލާންޓަކީ ސަރަޙައްދުގެ މަސްވެރިން، އައިސްގަނެވޭ ގޮތަށް ޤާއިމްކޮށްފައިވާ ތަނަކަށްވީނަމަވެސް އެތަނުގެ ބޭނުންވެސް އެންމެ އެދެވޭ ގޮތުގައި ނުހިފޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
“ބަނދަރަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ މިހާރު ހުންނަ އޮޑިދޯނިފަހަރަށްވުރެ ބަނދަރުގެ ޖާގަ ކުޑަވުން. އަނެއްކަމަކީ ފުދޭވަރަކަށް ކުރިން ގޯނިޖައްސައިގެން ހަދާފައިވާ ބަނދަރެއްކަމުން ބަނދަރު މިހާރުވަނީ ވަރަށްބޮޑަށް ހަލާކުވެފައި. ކީވޯލްގައި ލަފާފުރުމަށް ބޭނުންކުރެވޭނެ އެއްވެސް ސަރަޙައްދެއް މިހާރުނެތް” ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ބަނދަރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް ޙާލަތަކީ، ސިއްޙީ ކުއްލި ޙާލަތަކާއި ގުޅިގެން ބަލި މީހަކު ސީއެމްބިއުލާންސްގައި ފުރުވާލަންޖެހޭ ވަގުތުތަކުގައިކަމަށެވެ. އަދި ވިއްސާރަ މޫސުމުގައި ބަނދަރުތެރެ ގަދަވުމުން އެކަމަށް ނުހަނު ދަތިވާކަން ކައުންސިލުން ފާހަގަކުރިއެވެ.
ޅޮހީގެ ބަނދަރު އަލުން ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓްމަހުގައެވެ.
ވެރިކަން ބަދަލުވިނަމަވެސް ޅޮހީ ބަނދަރުގެ މަސައްކަތްކުރިއަށްދާތީ އެކަމުގެ ހިންހަމަޖެހުން ރައްޔިތުންނަށް އެބައޮތްކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.
ޅޮހީގެ އައު ބަނދަރުގެ 150 މީޓަރުގެ ކީވޯލްގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަން މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ފާހަގަަކުރައްވަވައެވެ. އަދި ޕޭމަންޓްގެ މަސައްކަތާއެކު ބަނދަރުގެ އެއްބައި ނިންމާ އަންނަ ހަފްތާގެ ތެރޭގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމާއެކު، ބަނދަރުގެ ދެން އޮތް ބައިގެ މަސައްކަތް ފެށޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މުޅި މަޝްރޫޢު ނިންމޭނެކަމަށް އެކުންފުނިން ލަފާކުރަނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ.
މިއީ ދައުލަތުގެ ބަޖެޓުން 68 މިލިއަން ރުފިޔާ ހޭދަކޮށްގެން ތަރައްޤީކުރާ ބަނދަރެކެވެ.
މި ބަނދަރުގެ މަސައްކަތް ނިމޭއިރު ބަނދަރާއި ގުޅިގެން ޅޮހީގެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ނިމުމެއް އައިސް، ޒަމާނީ ފެންވަރުގެ ފުރިހަމަ ބަނދަރެއްގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެއެވެ.

