މިއަދު އުމްރާގެ މަތިވެރި އަޅުކަމަށް ފުރާ މީހުންގެ އަދަދު ގިނަވެ، ވެލާނާާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވެއްޖެެއެވެ.
އެމެއޭސީއެލް އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި އިރުޝާދު ދެއްވާފައިވަނީ، މިއަދަކީ އެއާޕޯޓަށް ބާރުބޮޑު ދުވަހެއް ކަމުން ފުރުމުގެ ތިން ގަޑިއިރު ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައިސް މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ.
މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އުމާރާވެރިން ފުރާ މަހެއްގެ ގޮތުގައި މި މަސް ވެގެންދާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހު 5،891 މީހަކު އުމްރާއަށް ދިއުމަށް ހަމަޖެހިފައިވެއެވެ.
މީގެ ތެރެއިން އެންމެ ގިނަ މީހުން އުމްރާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިއަދެވެ. އެގޮތުން މިއަދު 11 ފްލައިޓެއް އުމްރާވެރިންނާއެކު ސައުދީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު 1،243 މީހަކު އެ ފްލައިޓްތަކުގައި އުމްރާއަށް ފުރާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

