ދައުލަތުގެ ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އިންޑިއާގެ ޓީމެއް ފުލުހުންނާއެކު ހަރަކާތްތެރިވާން ފަށައިފިއެވެ.
ޕޮލިސް ކޮމިޝަނާރ އަލީ ސުޖާއު ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދަނީ ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުން ކަމަށެވެ.
ޑިސެމްބަރު 14 ވަނަ ދުވަހު އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ރައްޔިތުންނަށް ދޭ ޔަގީން ކަމަކީ، ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަން ކަމަށެވެ. އަދި އެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
އެ ހާދިސާގައި އަދާ އަޅިއަށް ވެފައިވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ ހިންގާ އިމާރާތުގެ އިތުރުން ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައާއި، މާލެ ސިޓީ ކައުންސިލްގެ މުހިންމު ލިޔެކިއުންތައް ރައްކާކުރާ ބައެއްގައެވެ.
ކޮމިޝަނާރ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދޭނެ ޔަގީން ކަމަކީ އެ އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރާނެ ކަމުގެ ޔަގީންކަން ކަމަށާއި، ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން ބޭނުން ވަނީ އެ ތަހުގީގުގަ ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނެ ކަމަށެވެ.
އެ ވަރިގެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި ގޮތް ރައްޔިތުންނަށްވެސް އެނގެން ބޭނުންވާނެ ކަމަށާއި، އަދި އެއާއެއްކޮށް ކުރިއަށް އޮތް ތަނުގަ އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައިވެސް ހިންގޭ ތަހުގީގުތަކުން ލިބޭ މައުލުމާތަކީ މުހިއްމު މައުލޫމާތަކަށް ވާނެތީ ކަމަށްވެސް ކޮމީޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

