އަހަރުތަކެއް ކުރިން 19 ވަނައިގައި އޮތް ގދ އަތޮޅު ކައުންސިލު ބޮޑު ކުރިއެރުމަކާ އެކު ޕަރފޯމަންސް އިންޑެކްސްގެ ގަދަ ތިންވަނަ ހާސިލު ކޮށްފިއެވެ.
ދައުރާ ހަވާލުވިއިރު ގދ އަތޮޅު ކައުންސިލު އޮތީ 19 ވަނައިގައެވެ. އޭގެ ފަހުން 9 ވަނަ ހާސިލު ކުރުމަށްފަހު މިހާރު އެކައުންސިލުން މިވަނީ 3 ވަނަ ހާސިލު ކޮށްފައެވެ. އެކުވެރި ރޫހެއްގައި އެއްބައިވަންތަކަމާއެކު އެންމެން އެކުއެކީގައި ހިންމަތާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ ނަތީޖާ ފޮނިމީރު ކަމާއެކު ހާސިލު ކޮށް ރޭގަ ބޭއްވި ކަންގަތި އެވޯޑުގައި ގދ އަތޮޅު ކައުންސިލުމިވަނީ ޕަރފޯމަންސް އިންޑެކްސްގެ ގަދަ 3 ވަނަ ހާސިލުކޮށްފައެވެ،
ގދ އަތޮޅު ކައުންސިލުގެ ރައީސް، ޙަސަން ފައިހަތު ޤުދުރަތުﷲ، ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް އެދޭނަމަ، އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙު އޮންނަން ޖެހޭނެ ކަމަށެވެ. އަދި ގދ. އަތޮޅު ކައުންސިލްގެ މި ދައުރު ފެށުނުއިރު، ކައުންސިލްގެ ޚިދުމަތުގެ ތަރުތީބު އޮތް ދަރަޖަ ފާހަގަކުރެއްވުމާއެކު ޙަސަން ފައިހަތު ވިދާޅުވީ އެހެންވީ ނަމަވެސް، އިދާރީ މުވައްޒަފުންނާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލް މެންބަރުން ގުޅިގެން ކުރި ކާމިޔާބު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާރު އެ އަތޮޅު ކައުންސިލަކީ މުޅި ދިވެހިރާއްޖޭގެ 3 ވަނަ ހޯދައި، "ގަދަހަމާންތި އިއްޒަތުގެ ތިންވަނަ ދަރަޖަ" ޙާޞިލްކުރި ކައުންސިލު ކަމަށެވެ. ހަމަމިއާއެކު ފައިހަތު ގުދުރަތުﷲ ވަނީ މި ފަޚުރުވެރި ކާމިޔާބީއަށްޓަކައި، އެންމެހައި މުވައްޒަފުންނަށާއި ކައުންސިލް މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
ކަންގަތި އެވޯޑަކީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް އެންމެ ހިންގުންތެރި ކައުންސިލްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެމުން އަންނަ އެވޯޑެކެވެ.
މި އެވޯޑުގައި "ގަދަހަމާންތި" އަދި "ރަނިހަމާންތި" ދަރަޖަތަކަށް ވަނީ އެވޯޑު ދީފައެވެ.
ގަދަހާމަންތި ދަރަޖަ ލިބުނު ކައުންސިލްތައް
- 1 ވަނައަށް ހައްދުންމަތީ އަތޮޅު ކައުންސިލް
- 2 ވަނައަށް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
- 3 ވަނައަށް ހުވަދުއަތޮޅު ދެކުނުބުރި އަތޮޅު ކައުންސިލް،
ރަނަހަމާންތި ދަރަޖަ ލިބުނު ކައުންސިލްތައް
- 1 ވަނަ އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫ ކައުންސިލަށް ލިބިފައިވާއިރު، މިއީ އެ ކައުންސިލުން މި އެވޯޑު ހާސިލުކުރި ހަތަރުވަނަ ފަހަރެވެ.
- 2ވަނަ: ތިލަދުންމަތި އުތުރުބުރި ތުރާކުނު ކައުންސިލް
- 3ވަނަ: މާލެ އަތޮޅު ހިންމަފުށި ކައުންސިލް
މީގެއިތުރުން، ޕަފޯމަންސް އިންޑެކްސްއިން "ކާންނާ ހަނދާނީ ފިލާ" އަދި "މާރާދަ ހަނދާނީ ފިލާ" ލިބުނު ކައުންސިލްތައްވެސް ވަނީ މި ހަފްލާގައި ހޮވާފައެވެ. ކާންނާ ހަނދާނީ ފިލައަކީ 2022ވަނަ އަހަރާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަތޮޅު އަދި ރަށު ކައުންސިލަށް ދޭ އެވޯޑެކެވެ. މި އެވޯޑު ހާސިލް ކުރީ މިލަދުންމަޑުލު ދެކުނުބުރި އަތޮޅު ކައުންސިލާއި ހައްދުންމަތި މުންޑޫ ކައުންސިލުންނެވެ.
މާރާދަ ހަނދާނީ ފިލައަކީ އަތޮޅު އަދި ރަށު ކައުންސިލްގެ ރޭންކުން ކޮންމެ ސަބް އިންޑެކްސްއަކުން 1 ވަނަ ހާސިލްކުރާ ކައުންސިލްތަކަށް ދޭ އެވޯޑެކެވެ.
އެވޯޑު ލިބުނު ކައުންސިލްތައް
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބްއިންޑެކްސް: ތިލަދުންމަތި އުތުރުބުރި އަތޮޅު ކައުންސިލް، ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލް
- އިފެކްޓިވްނެސް ސަބް އިންޑެކްސް: ހައްދުންމަތީ އަތޮޅު ކައުންސިލް، އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫ ކައުންސިލް
- ޕާޓިސިޕޭޝަން ސަބްއިންޑެކްސް: ހައްދުންމަތީ އަތޮޅު ކައުންސިލް، އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫ ކައުންސިލް
- އެކައުންޓެބިލިޓީ ސަބްއިންޑެކްސް: ހައްދުންމަތީ އަތޮޅު ކައުންސިލް، ކޮޅުމަޑުލު ބުރުނީ ކައުންސިލް
- ސެކިއުރިޓީ ސަބް އިންޑެކްސް: މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް، އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫ ކައުންސިލް
ރޭގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ނިޒާމު ކަމަށާއި، ވެރިކަންކުރާ ރަށުން ލިބޭ ނަފާގެ އެހީއާއެކު މުނިސިޕަލް ޚިދުމަތް ދިނުމަށް މަގުފަހިވާ ނިޒާމު ކަމަށް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމަކީ، ލާމަރުކަޒީ އުޞޫލުން، ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގެ ޤާނޫނީ ބާރު ލިބިދޭ ނިޒާމު ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރު އިތުރަށް ވިދާޅުވި ގޮތުގައި، ކަންގަތި އެވޯޑްތައް ޙާޞިލު ކުރެއްވި ހުރިހައި ކައުންސިލްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ތަހުނިޔާއާއި މުބާރިކުބާދު އަރިސްކުރައްވައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހެދި ދިރާސާއިން، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ދިވެހިން ބަލައިގަނެފައިވާކަން ކަށަވަރުވެފައި ވިޔަސް، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސް ފޮތްވެސް ވަނީ ނެރެފައެވެ. މި ފޮތް ނެރެދެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.
އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހިންގުމުގެ އަސާސްތައް ކުރިއަރުވައި ރަށްވެހި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އަގުވަޒަންކުރުމުގެގޮތުން "ހިރިހަމާންތި އެވޯޑު" ވެސް ވަނީ ދީފައެވެ. މި ރަސްމިއްޔާތުގައި "ހިރިހަމާންތި އެވޯޑު" ލިބިފައިވަނީ މާލެ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލާއި، ފުވައްމުލައް ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ސިޓީ ކައުންސިލަށެވެ.
ޖުމްލަ ގޮތެއްގައި މި ރަސްމިއްޔާތުގައި އެކި ކެޓަގަރީތަކުން ގިނަ އަދަދެއްގެ ކައުންސިލްތަކަކަށް އެވޯޑުތައް ދެވިފައިވާއިރު، މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއް ކަމުގައި ބެލެވެއެވެ. އަދި ކައުންސިލްތަކުގެ މަސައްކަތްތައް އަގުވަޒަންކުރުމަށް ބޭއްވޭ މި ފަދަ ހަފްލާތަކުން ކައުންސިލްތަކަށް އިތުރު ހިތްވަރެއް ލިބި، އެ ފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

