ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ޤާއިމުކުރުމަށް ދިރާސާއެއް ހެދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން، އެމްއެމްއޭއިން ބުނީ ޑިޖިޓަލް އެސެޓްތަކާއި އިސްލާމިކް ފައިނޭންސަށް ޤައުމުތަކުގެ މެދުގައި ޝައުގުވެރިކަން އިތުރުވަމުންދާއިރު، މިދާއިރާއިން ރާއްޖެއަށް ކުރިއެރުންތައް ގެނެސް، ސަރަހައްދީ ހަބަކަށް ހެދުމަކީ އެ އިދާރާގެ އަމާޒެއް ކަމަށެވެ.
މި ސެންޓަރު ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާއާ އެއްގޮތް ހައްލުތައް ގެނެސް މާލީ ބައިވެރިވުން އިތުރުކުރުމާއި، ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން ސަރަހައްދީގޮތުންނާއި ތަންފީޒީ ގޮތުން އިތުރުކުރުން، އަދި އިސްލާމީ ފިންޓެކް ދާއިރާ ކުރިއެރުވުން ހިމެނެއެވެ.
އެމްއެމްއޭއިން މިހާރު ވަނީ މި ސެންޓަރު ޤާއިމުކުރުމަށް ބޭނުންވާ ދިރާސާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލާފައެވެ. އަންނަ ހަފްތާގެ އަންގާރަ ދުވަހު ދިރާސާގެ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާއިރު، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެންބަރު 29 ވާ އާދީއްތަ ދުވަހުގެ 11:00 ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އިސްލާމީ ޝަރީޢާގެ ހަމަތަކުގެ ތެރެއިން ބޭނުންކުރާ ޑިޖިޓަލް އެސެޓްތަކަށް ދުނިޔޭގެ ޤައުމުތަކުގައި ލިބެމުންދާ މަޤުބޫލުކަން ދަނީ އިތުރުވަމުންނެވެ. މިގޮތުން ޝަރީޢާ ހަމަތަކަށް ފެތޭ ކްރިޕްޓޯ ކަރަންސީ، ހަލާލް އެންއެފްޓީ، ވަޤްފް ޓޮކެން އަދި ޑިޖިޓަލް ސުކޫކްތަކަކީ މިހާރުވެސް ބައެއް ޤައުމުތަކުގައި ބޭނުންކުރާ ޑިޖިޓަލް އެސެޓުގެ ބާވަތްތަކެވެ.
މިދިޔަ އޮކްޓޯބަރ މަހު އެމްއެމްއޭއިން ވަނީ ރާއްޖެއަށް ޑިޖިޓަލް ފައިސާ ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާ ގުޅިގެން ޖޮއިންޓް ރެގިއުލޭޓަރީ ފްރޭމްވޯކެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ރާއްޖެއަށް ޑިޖިޓަލް އެސެޓްތައް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއަކީ މާލީ ހަބަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް ދާއިރާ ހިއްސާ ކުރާ ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަޞައްވުރެކެވެ.

