މިހާރު ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހި މާލެސިޓީގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން މިވަގުތު ދަނީ މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރިއަށް ގެންދާ މަންޒަރު/ ފޮޓޯ: އެމްއެންޑީއެފް
މި ސަރަހައްދުތަކުގެ ތެރޭގައި ވެސްޓްޕާކު ސަރަހައްދު، އައިޖީއެމްއެޗް ސަރަހައްދު، ވިލިނގިލީ ފެރީ ޓަރމިނަލް ސަރަހައްދު، ދިރާގު ސަރަހައްދު، އަދި ޖެލީ ޕިއްޒާ ސަރަހައްދު ހިމެނެއެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނައިރު، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އަންނަނީ އެލާޓުތައް ވެސް ނެރެމުންނެވެ. މިގޮތުން މިއަދު ކުޑައިރުކޮޅެއް ކުރިން، މެޓުން ވަނީ ލ އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ހުދު އެލާޓު ނެރެފައެވެ.

މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރިއަށް ގެންދާ މަންޒަރު/ ފޮޓޯ: އެމްއެންޑީއެފް
މެޓުން މަޢުލޫމާތު ދިންގޮތުގައި، މިއީ 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ނެރުނު އެލާޓެކެވެ.
މި ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެމްއެންޑީއެފްގެ މި މަސައްކަތުން މާލޭގެ ރައްޔިތުންނަށް ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

