ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑު ވެއްޖެއެވެ. ފާއިތުވި 24 ގަޑިއިރުގައި އެންމެ ބޯކޮށް ވާރޭ ވެހެފައި ވަނީ މާލެއަށް ކަމަށްވާއިރު މާލެއަށް އެކަނި 136.5 މިލިމީޓަރުގެ ވާރޭ ވެހެފައިވާ ކަމަށް މެޓް އިން މައުލޫމާތު ލިބެއެވެ.
2 ވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 117.4 މިލިމީޓަރުގެ ވާރޭއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ބ. ދަރަވަންދޫއަށެވެ. ދަރަވަންދޫއަށް 111.5 މިލިމީޓަރުގެ ވާރޭވެހެފައިވެއެވެ.
ހިނގާބިގާވެ އުޅުމާއި ދަތުރުފަތުރުތަަށް ކުރުމަށް އުނދަގޫ ވާ ވަރަށް މާލޭގައި ފެންބޮޑުވެފައިވެއެވެ. ފެންބޮޑުވުމުގެ ސަބަބުން މާލޭގެ އެކި ގެތަކަށް ފެން ވަންނާތީ ވެލި ބަސްތާ ޖަހާފައިވެއެވެ.

މާލެ ގެއެއްގެ ތެރެއަށް ފެން ވަދެފައި: ފޮޓޯ/ މިހާރު
މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 15:00 އާ ހަމަޔަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށް މެޓް އިން މައުލޫމާތު ލިބެއެވެ. އަދި މިވަގުތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރެވެހި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އިން ލަފާކުރެއެވެ.
މީގެ އިތުރުން މިއަދު 8:30 އިން ފެށިގެން މެންދުރުފަހު 14:30 އާ ހަމަޔަށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމަޔަށް ހުދު ސަމާލު ނެރެފައިވާ ކަމަށް މެޓް އިން މައުލޫމާތު ލިބެއެވެ. އަދި މިވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އިން ލަފާކުރެއެވެ.
ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ދަނީ މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަމުންދާ ބަދަލުތަަކަށް ސަމާލުކަންދިނުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.

