ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތް ފަހުން އެމަނިކުފާނު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށްވާއިރު މި ދަތުރުފުޅުގެ ވާހަކަ ހާމަކުރައްވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގެރިޓާ އެވެ.
އޭނާ ވިދާޅުވިގޮތުގައި މަޖިލިސް ރައީސް އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 10 އަކުން 14 ވަނަ ދުވަހަށެވެ.
މިދަތުރުފުޅަކީ އިންޑިއާ އިން އަވަށްޓެރި ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާ އެކު ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.

