ކޮންމެ އަހަރަކުވެސް އުރީދޫ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ އުރީދޫ ފަން ރަން މި ހަފްތާ ހުކުރު ދުވަހު ހުޅުމާލޭގައި ކާމިޔާބު ކަމާއެކީ ނިންމާލައިފައިވާއިރު މި ދުވުން އިފްތިތާހު ކޮށްދެއްވާފައިވަނީ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފެވެ.
މި ދުވުމާ ގުޅޭގޮތުން ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެފައިވަނީ އުރީދޫ ފަންރަން އަކީ އާއިލީ ގުޅުން ބަދަހިކުރުމަށް ހިންގޭ ވަރަށް ރަނގަޅު އިޖުތިމާއީ ހަރަކާތެއްކަމެވެ. އަދި މިއީ ހުރިހާ އުމުރުފުރައަކަށް ވެސް އަމާޒު ކޮށްގެން ބޭއްވޭ ހަރަކާތަކަށް ވާތީ އުފާވެރި މަޖާ މާހައުލެއް ގާއިމުވެގެންދާކަން ވެސް ނައިބު ރައީސް ފާހަނގަކުރެއްވިއެވެ.
މިއީ ދުޅަހެޔޮކަމަށް އޮތް ފުރުސަތެއް ކަމަށް ވިދާޅުވެ، މިފަދަ ރަންތައް ކުރިއަށް ގެންދިއުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށް ވެސް ނައިބު ރައީސް ހާމަކުރެއްވިއެވެ.

އުރީދޫ ފަންރަން 2024 ގެ ތެރެއިން : ފޮޓޯ/ސޯޝަލް މީޑިއާ
މީގެ އިތުރުން 6،000 އެއްހާ މީހުން އެއްތަނަކަށް އެއްވެ، ކުދިބޮޑު އެންމެން މަޖާ މާހައުލަކުން ބައްދަލުވުމަކީ ގޭތެރޭގެ ތިބި ތިބުމަށް ބަދަލެއް އައިސް ހިތްހަމަޖެހުން ގެނުވަދޭނެ ކަމެއްކަމަށް ވެސް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.
މި ދުވުމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދްއަލް ހަމާދީ އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އަންނަ އަހަރު، ފަން ރަން ފުވަމުލައް އެޑިޝަނެއް ބާއްވާނެ ކަން މި ރަންގައި ވަނީ އިއުލާނުކޮށްފަ އެވެ.
އުރީދޫ ފަންރަން އަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ ކުދި ބޮޑު އެންމެން ވެސް އެ ހަރަކާތަކަށް އިންތިޒާރު ކުރާ މަގުބޫލު ހަރަކާތެކެވެ. މި ރަންގެ މަގްސަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އާންމުންނަށް އަންގައިދިނުމެވެ.

