މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭތެރެއަށް ފެން ވަނުމުގެ ސަބަބުން ފަސް ގެއަކުން މީހުން ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ކުރަމުންދާ ވުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ގޭބިސީތަކުން ވެލިބަސްތާ ޖަހައިދިނުމަށް އެދިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެންޑީއެމްއޭއިން 5،000 ވެލިބަސްތާ ސިޓީ ކައުންސިލަށް ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޙިސާން އިތުރަށް ވިދާޅުވީ، ފެން ބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަނުމާ ގުޅިގެން ފަސް ގެއަކުން މީހުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ގެއެއްގައި ދިރިއުޅެމުންދިޔަ މީހުން ބަދަލުކުރުމުގެ މަސައްކަތް އެންޑީއެމްއޭއާއި މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން ކުރަމުން އަންނަކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. މިހާރު ރާއްޖެއާ ކައިރި ދެ ސަރަހައްދެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައެވެ. އެ އިދާރާއިން ވަނީ ބޯކޮށް ވިއްސާރަކޮށް، ވައިގަދަވެ، އެކި ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް އިންޒާރު ދީފައެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށަށް ގެއްލުން ލިބިފައިވާ މިންވަރު ބެލުމަށް ރަށްރަށުގެ ކައުންސިލްތަކަށް ގުޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި، މީހުން ބަދަލުކުރަންޖެހޭ ވަރުގެ ގެއްލުމެއް ލިބިގެން އެއްވެސް ރަށަކުން އަދި މިހާތަނަށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

