ރާއްޖޭގައި މަޝްހޫރު ޓިކްޓޮކް ތަރިއެއް ކަމުގައިވާ މަރިޔަމް ސަމާ ޝަރީފު ބުރުގާ އަޅައިފިއެވެ. ސަމާ މިކަން ހާމަކުރީ އރޭ އޭނާ ޖެއްސި ޓިކްޓޮކް ލައިވެއްގައެވެ. މިއީ އޭނާ ބުރުގާ އެޅުމަށްފަހު ޖެއްސި ފުރަތަމަ ލައިވްއެވެ.
ސަމާ ބުނި ގޮތުގައި އޭނާ ބުރުގާ އަޅާފައިވަނީ އިއްޔެއެވެ. އަދި މިއީ ހެޔޮ ބަދަލެއްގެ ފެށުން ކަމަށާއި، އެންމެންގެ ހެޔޮ ދުއާ އަބަދުވެސް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. އަދި މާޒީއަށް ނުބެލުމަށް އެދޭ ކަމަށްވެސް ސަމާ ބުންޏެވެ.
ސަމާއަކީ “ހިތުން ހިތަށް” ނަމުގައި ޖަމިއްޔާއެއް ހިންގަމުންދާ ފަރާތެކެވެ. މި ޖަމިއްޔާގެ މަޤްޞަދަކީ ބޭސްފަރުވާއާއި އެހެނިހެން ޒަރޫރީ ކަންކަމަށް ފައިސާގެ އެހީ ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ހޯދައިދިނުމެވެ. 2024 ވަނަ އަހަރު އެކަނި ވެސް 13 އާއިލާއަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ސަމާ އަދި އޭނާގެ ޓީމުން ވަނީ ހޯދައިދީފައެވެ.
ސަމާގެ ޓިކްޓޮކް މަސައްކަތް ފެށިގެން އައީ ގިނަ ބައެއްގެ ލޯތްބާއި އެއްވަރަށް ގިނަ ބައެއްގެ ނުރުހުންވެސް ލިބެމުންނެވެ. ނަމަވެސް އޭނާގެ “ހިތުން ހިތަށް” ޕްރޮގްރާމަކީ ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ކަމެކެވެ. އެކަނިވެރި މައަކަށްވެ ހުރެ، ސަމާ ދައްކަމުންދާ ހިތްވަރާއި، ޖަމިއްޔާއެއް ކޮޅަށް ނެގުމަށް އޭނާ ކޮށްފައިވާ މަސައްކަތަކީ އެތައް ބައެއްގެ އުފަލާއި އުއްމީދުގެ ކަމަކަށް ވެފައިވެއެވެ.
ސަމާގެ ބުރުގާ އެޅުމާއެކު، އޭނާގެ މުސްތަގުބަލާ މެދު ގިނަ ބައެއްގެ ޝައުޤުވެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. “ހިތުން ހިތަށް” ޖަމިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާމެދު ބުނެފައިވަނީ އޭނާގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ކުރިއެކޭ އެއްގޮތަށް ކަމަށެވެ.
ބުރުގާ އަޅަން އުޅޭ ކަމަށް ސަމާާ ވަރަށް ކުރިން ފެށިގެން ބުނަމުން އަންނަ ވާހަކައެކެވެ. އަދި ބުރުގާ އަޅާނެ ސީދާ ވަކި މިވެނިދުވަހެއް ނުބުނި ނަމަވެސް މި ޑިސެމްބަރު މަސް ނިމުމުގެ ކުރިން ބުރުގާ އަޅާނެ ކަމަށް ބުނި ބުނުން އޭނާ މިވަނީ ތެދުކޮށްފައެވެ. މިއީ މީޑިއާ ސްޓަންޓެއްތޯ ބައެއް ފަރާތްތަކުން ކުރާ ސުވާލަށް އަދި ވަކި ޖަވާބެއް ލިބިފައި ނެތެވެ. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ހަގީގަތުގައިވެސް ހެޔޮ ބަދަލެއްގެ ފެށުން ކަމަށްވުމެވެ. ހުވަދޫ މީޑިއާ އިން އެދެނީ ސަމާ މިބަދަލުގައި ސާބިތުވެ ހުރެ ކުރިއަށް ދިއުމެވެ. ކާމިޔާބު ވުމެވެ.

