ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތާއެކު ކަރަންޓުގެ ސިނާއަތުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް 75 އަހަރު ފުރުމާ ގުޅިގެން "އެކްސް" ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ މިއަދު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގައުމު ބިނާކުރުމާއި، ތަރައްގީއާއި ތަހުޒީބަށް މަގުފަހިކޮށްދިނުން ކަމެވެ.
ހަމަ އެއާއެކު، އިންސާނީ އަދި އުމްރާނީ ތަރައްގީއަށް ކަރަންޓުގެ ހިދުމަތްތެރީން އިޚްލާސްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ އަގުހުރި މަަސައްކަތްތައް އެމްޑީ ފާހަގަކުރެއްވިއެވެ.
އެމްޑީ ފަހުމީ ވިދާޅުވީ ޝައްކެއް ނެތް ގޮތުގައި، އެކިއެކި ގޮންޖެހުންތަކާ ކުރިމަތި ލައްވައިގެން، ކާމިޔާބީގެ ހަރުފަތްތައް ގިރާކުރައްވަމުން އަލިމަސް ޔޫބީލްއާ ހަމައަށް ވާޞިލުވުމުގައި، މި ސިނާއަތުގައި އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުން ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވި ޚިދުމަތްތަކަށާއި، އަދި މިހާރު ތިއްބެވި ބޭފުޅުން މެދުކެނޑުމެއް، ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި ކޮށްދެއްވަމުންގެންދަވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

