މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރައްޔިތުން ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކެއް މާލޭ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މި މައުލޫމާތު ކައުންސިލުން ދީފައިވަނީ އެ ފަރާތުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށެވެ.
ކައުންސިލުން ހިއްސާކޮށްފައިވާ މައުލޫމާތުގައި، ގޭތެރޭގައާއި ބޭރުގައި އުޅޭއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތަފްސީލު ހިމަނާފައިވެއެވެ.
- ގޭތެރޭގައި ސަމާލުވާންޖެހޭ ކަންކަމުގެ ތެރޭގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ނެރޭ އެލާޓްތަކަށް ސަމާލުވުން
- ވައިގަދަވުމުގެ ސަބަބުން ގެއްލުން ލިބިދާނެ ތަކެތި ރައްކާތެރިކޮށް ބެހެއްޓުން
- ހަމައެހެންމެ ފެންބޮޑުވުމުގެ ހާލަތުގައި ކާބޯތަކެއްޗާއި މުހިންމު ލިޔެކިޔުންތައް އުސް ތަންތަނުގައި ރައްކާ ކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައި
މީގެ އިތުރުން، ކަރަންޓު ސާމާނުތަކާމެދު ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަމަށްވެސް އަލި އަޅުވާލާފައި ވެއެވެ.

ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައި، މާލެސިޓީ، މަޖީދީމަގު/ ފޮޓޯ: ޝަފާ-ހުވަދޫމީޑިއާ
- ކަރަންޓު ތަކެތި އުސް ތަންތަނުގައި ބެހެއްޓުން،
- ބިމާ ކައިރީގައި ހުންނަ ސޮކެޓުތަކުން ކަރަންޓު ކަނޑާލުމަށް ވެސް ކައުންސިލުން ވަނީ އިރުޝާދު ދީފައި
ބޭރުގައި އުޅޭއިރު ސަމާލުވާންޖެހޭ ކަންކަމުގެ ތެރޭގައި،
- މަގުމަތީގައި ދުއްވާއިރު އިތުރަށް ސަމާލުވުމާއި،
- ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދުއްވާނަމަ އެހެން ފަރާތްތަކަށް ވިސްނައިގެން ދުއްވުން
- މި ދަނޑިވަޅުގައި ކަނޑު ދަތުރުފަތުރު ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައި،
- އަޅާފައި ހުންނަ އުޅަނދުފަހަރު ރައްކާތެރިކޮށް ބަނދެފައި ބެހެއްޓުމަށް ވެސް ވަނީ އިރުޝާދު ދީފައި
މި ވިއްސާރައިގެ ސަބަބުން މިހާތަނަށް މާލޭގެ 8 ގެއަކަށް ގެއްލުން ލިބި، އެ ގެތަކުގެ ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
މާލޭ ސިޓީ ކައުންސިލުން މި މައުލޫމާތު ހިއްސާކޮށްފައިވަނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައެވެ. ކައުންސިލުން އެދެނީ ހުރިހާ ރައްޔިތުން ވެސް މި އިރުޝާދުތަކަށް އަމަލުކޮށް، އަމިއްލަ ނަފްސާއި އެހެން މީހުންގެ ސަލާމަތަށް ސަމާލުވުމަށެވެ.

