ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދަމުން އަންނަ ރިއަލިޓީ ޝޯއެއް ކަމަށްވާ "ޚަތުރޯކޭ ކިލާޑީ 11″ގެ ޓްރޮފީ އަރުޖުން ބިޖްލާނީ ކާމިޔާބުކޮށްފިއެވެ.
ކަލާޒް ޓީވީން ދައްކަމުން އައި މިޝޯގައި ފައިނަލުގައި ވާދަކުރި ބައިވެރިން ކަމަށްވާ ދިވްޔަންކާ ތުރިޕާޓީ އާއި ވިޝާލް އަދިތުޔާ ސިންގ ބަލިކުރުމަށްފަހު އަރުޖުން މިވަނީ މިޝޯގެ އެއްވަނަ ހާސިލްކޮށްފައެވެ. ދެވަނަ ހާސިލް ކޮށްފައިވަނީ ދިވްޔަންކާއެވެ. އަރުޖުން މިޝޯވ ކާމިޔާބްކޮށްފައިވަނީ ދިވްޔަންކާ އާއި 20 ސިކުންތުގެ ތަފާތުންނެވެ. ޓްރޮފީއާއެކު އަރްޖުންއަށް މާރޫތީ ސުޒުކީ ސްވިފްޓް ކާރެއްވެސް ވަނީ ލިބިފައެވެ.
ފައިނަލް ސްޓަންޓުގެ މެދުތެރެއިން ވިޝާލް ވަނީ އެޓާސްކު އެބޯޓްކޮށްފައެވެ. އެހެންކަމުން އޭނައަށް ލިބުނީ ތިންވަނައެވެ.
"ހަތުރޯންކޭ ކިލާޑީ 11" ގެ މިސީޒަންގެ ޓެގް ލައިނަކީ "ޑަރް ވާސަސް ޑެއަރ" އެވެ. އެހެން ސީޒަންތަކެކޭ އެއްގޮތަށް މިސީޒަންގެ ފައިނަލްވެސް ކުރިޔަށް ގެންދިޔައީ ދެބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި ވަރުން ސޫދާއި ޝްވޭތާ ތިވާރީގެ އިތުރުން ރާހުލް ވެއިދިޔާ ހިމެނިގެންދިޔައެވެ.
ވަރުން ސޫދުއަކީ މިޝޯގެ ހަތަރުވަނަ ކާމިޔާބުކުރި ބައިވެރިޔާއެވެ.
މިޝޯގެ މިސީޒަން ނިންމާލަމުން ހޯސްޓު ރޯހިތު ޝެޓީ ބުނެފައިވަނީ އަންނަ އަހަރުގައިވެސް އާ ބައިވެރިންނާއެކު "ޚަތުރޯކޭ ކިލާޑީ" ގެ އާ ސީޒަނެއް ގެނެސްދޭނެ ކަމަށެވެ.

