ގއ އަތޮޅުން އެންމެ ހިންގުންތެރި ކައުންސިލަކަށް ދާންދޫ ކައުންސިލް ހޮވިއްޖެއެވެ.
2،076 އެއްހާ މީހުންގެ އާބާދީއެއް ދާންދޫގައި ގާއިމުވެފައިވާއިރު މިއީ ދާންދޫ ކައުންސިލް އުފެދުނު ފަހަރުން ފެށިގެން ދާންދޫ އަށް 1 ވަނަ ލިބުނު ފުރަތަމަ ފަހަރެވެ.

ދާންދޫ ކައުންސިލަރުން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއެކު: ފޮޓޯ/ ސޯޝަލް މީޑިއާ
ދާންދޫ ކައުންސިލަކީ ރަށުގައި ތަފާތު ހަރަކާތްތައް ހިންގުމުގައި ކުރިއަރާފައިވާ ރަށެކެވެ. ރަށުގައި ތަރައްގީ އާއި ތަހުޒީބުގެ ކުލަތައް ގަދަ ކުރުމަށްޓަކައި މިންނެތް މަސައްކަތް ކުރާ ކައުންސިލެއްގެ ގޮތުގައި ދާންދޫ ކައުންސިލް ފާހަނގަވެގެންދެއެވެ. މީގެ އިތުރުން މިއީ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް އިސްކަންދޭ ކައުންސިލެކެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން ކައުންސިލްތަކަށް ދެމުން އަންނަ "ކަންގަތި" އެވޯޑަކީ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްގައި އެންމެ މަތިން މާރކްސް ހޯދަމުން އަންނަ ކައުންސިލްތަކަށް ދެމުންދާ އެވޯޑެކެވެ.
މި އިންޑެކްސްގައި ބަލާ ކަންކަމުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ޢަމަލުކުރުމާއި ކައުންސިލްތަކުގެ ބައިވެރިވުމާއި ޒިންމާތައް އަދާ ކުރުމުގެ މިންގަނޑުތައް ހިމެނެއެވެ. އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ އިން ކޮންމެ އަހަރަކުވެސް ކޮންމެ އަތޮޅަކުން އެންމެ ރަނގަޅު ކައުންސިލްތައް ރޭންކު ކުރަނީ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސް އަށް ބަލައިގެންނެވެ.
މިގޮތުން 2023 ވަނަ އަހަރު ގއ އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ހޮވިފައިވަނީ ގއ. ދާންދޫ ކައުންސިލެވެ.

ދާންދޫ ކައުންސިލްގެ ރައީސް، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާ ސަލާމް ކުރަނީ: ފޮޓޯ/ ސޯޝަލް މީޑިއާ
މުޅި ރާއްޖެއަށް ބަލާއިރު ގއ ގެ ރަށްތަކުގެ ރޭންކިންގ
- ދާންދޫ ކައުންސިލް (54)
- މާމެންދޫ ކައުންސިލް (69)
- ނިލަންދޫ ކައުންސިލް (76)
- ކަނޑުހުޅުދޫ ކައުންސިލް (79)
- ވިލިނގިލި ކައުންސިލް (85)
- ދެއްވަދޫ ކައުންސިލް (118)
- ގެމަނަފުށި ކައުންސިލް (149)
- ކޮލަމާފުށި ކައުންސިލް (154)
- ކޮނޑޭ ކައުންސިލް (159)
2023 ވަނަ އަހަރު ދާންދޫ ކައުންސިލް ވަނީ ހުރިހާ ކައުންސިލް ތަކުގެ ރޭންކިންގ އިން 54 ވަނަ ހޯދާފައެވެ.
ޕާފޯމަންސް އިންޑެކްސްއަށް ބަލައި އެވޯޑު ދިނުމުގެ މައިގަނޑު ބޭނުމަކީ ވެސް އެންމެ ހިންގުންތެރި ކައުންސިލްތަކަށް ހިތްވަރުދީ އެއްބާރުލުން ދިނުން ކަމަށް އެލްޖީއޭއިން ބުނެއެވެ.

