ގދ އަތޮޅުން އެންމެ ހިންގުންތެރި ކައުންސިލަކަށް ފިޔޯރީ ކައުންސިލް ހޮވިއްޖެއެވެ. މިއީ މުޅި ހުވަދޫ އަތޮޅުން ވެސް އެންމެ މަތީ ރޭންކިންގ ގައި އޮތް ރަށެވެ.
1،533 އެއްހާ މީހުންގެ އާބާދީއެއް ފިޔޯރީގައި ގާއިމުވެފައިވާއިރު މިއީ ފިޔޯރީ ކައުންސިލް އުފެދުނު ފަހަރުން ފެށިގެން ފިޔޯރީ އަށް 1 ވަނަ ލިބުނު ފުރަތަމަ ފަހަރެވެ.

ފިޔޯރީ ކައުންސިލަރުން އެލްޖީއޭ ގައި: ފޮޓޯ/ ސޯޝަލް މީޑިއާ
ފިޔޯރީ ކައުންސިލަކީ ތަރައްގީ އާއި ތަހުޒީބާއި ތަމައްދުނުގެ އާ އުސްމިންތަކަކަށް ފޯރާފައިވާ ރަށަކަށް ފިޔޯރީ ހެދުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކައުންސިލެކެވެ. ދީނީ ހަރަކާތްތަކުން ފެށިގެން ކުޅިވަރުގެ ހަރަކާތްތައް ރަށު ތެރޭގައި ފޯރިއާއި ޖޯޝާއި އެކު ކުރިއަށް ދަނީ ރަށުގެ ހުރިހާ ރައްޔިތުންގެ ވެސް ފުރިހަމަ އެއްބާރުލުމާ އެކީގައެވެ. މީގެ އިތުރުން ފިޔޯރީ ކައުންސިލަކީ ރައްޔިތުންނާ ގާތުން ދެފުށް ފެންނަ ގޮތަށް ޚިދުމަތް ދިނުމުގައި ވެސް ކުރީގައި އޮންނަ ކައުންސިލެކެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން ކައުންސިލްތަކަށް ދެމުން އަންނަ "ކަންގަތި" އެވޯޑަކީ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްގައި އެންމެ މަތިން މާރކްސް ހޯދަމުން އަންނަ ކައުންސިލްތަކަށް ދެމުންދާ އެވޯޑެކެވެ.
މި އިންޑެކްސްގައި ބަލާ ކަންކަމުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ޢަމަލުކުރުމާއި ކައުންސިލްތަކުގެ ބައިވެރިވުމާއި ޒިންމާތައް އަދާ ކުރުމުގެ މިންގަނޑުތައް ހިމެނެއެވެ. އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ އިން ކޮންމެ އަހަރަކުވެސް ކޮންމެ އަތޮޅަކުން އެންމެ ރަނގަޅު ކައުންސިލްތައް ރޭންކު ކުރަނީ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސް އަށް ބަލައިގެންނެވެ.
މިގޮތުން 2023 ވަނަ އަހަރު ގދ އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ހޮވިފައިވަނީ ގދ.ފިޔޯރީ ކައުންސިލެވެ.

ގދ ފިޔޯރީ ކައުންސިލް ރައީސް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާ ސަލާމް ކުރަނީ: ފޮޓޯ/ ސޯޝަލް މީޑިއާ
މުޅި ރާއްޖެއަށް ބަލާއިރު ގދ ގެ ރަށްތަކުގެ ރޭންކިންގ
- ފިޔޯރީ ކައުންސިލް (35)
- ހޯނޑެއްދޫ ކައުންސިލް (58)
- ގައްދޫ ކައުންސިލް (80)
- މަޑަވެލި ކައުންސިލް (84)
- ރަތަފަންދޫ ކައުންސިލް (95)
- ނަޑެއްލާ ކައުންސިލް (141)
- ވާދޫ ކައުންސިލް (151)
- ފަރެސްމާތޮޑާ ކައުންސިލް
- ތިނަދޫ ކައުންސިލް
2023 ވަނަ އަހަރު ފިޔޯރީ ކައުންސިލް ވަނީ ހުރިހާ ކައުންސިލް ތަކުގެ ރޭންކިންގ އިން 35 ވަނަ ހޯދާފައެވެ.
ޕާފޯމަންސް އިންޑެކްސްއަށް ބަލައި އެވޯޑު ދިނުމުގެ މައިގަނޑު ބޭނުމަކީ ވެސް އެންމެ ހިންގުންތެރި ކައުންސިލްތަކަށް ހިތްވަރުދީ އެއްބާރުލުން ދިނުން ކަމަށް އެލްޖީއޭއިން ބުނެއެވެ.

