މާލޭގެ ގެއެއްގައި މަރުވެފައި އޮތް 35 އަހަރުގެ ފިރިހެނެއް މިއަދު ހެނދުނު ފެނިއްޖެ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ގ. ފްރެސް ލައިޓް ގޭގައި ހަބަރު ހުސްވެފައިވާ މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 5:02 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ35 އަހަރުގެ އަލީ ރަޝީދު ނަމަކަށް ކިޔާ ޒުވާނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް އެމީހާ މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމެއް ނުވަތަ އެހެންކަހަލަ ކަމަކުން ކަމެއް އަދި އޮޅުން ފިލާފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަފުސީލީ ތަހުގީގެއް ފަށާފައެވެ.

